"މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން އެފްޑީސީ ފްލެޓް ސަރަހައްދުތައް ސާފުކޮށްފި
މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ފްލެޓްތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވައިފިއެވެ.
މި ހަރަކާތަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތާއި ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ބަލިމަޑުކަމުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަގުސަދުގައި ފެށި މުހިންމު މަސައްކަތެކެވެ.
މި މަސައްކަތާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، މިއީ ސިލްސިލާކޮށް ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. ޚާއްސަކޮށް ކުނި ގިނަވުމުގެ ސަބަބުން އާންމުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ސަރަހައްދުތަކަށް އިސްކަންދީގެން ކުނި ނެގުމާއި މަދިރި އާލާވާ ތަންތަން ނައްތާލުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLއެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިތުރަށް ވިދާޅުވީ "މަގޭ ހުޅުމާލެ" މިޝިއާރުގެ ދަށުން ބޭނުންވަނީ އެންމެން ގުޅިގެން ސާފުތާހިރު މާހައުލެއްގައި ދިރިއުޅޭ ބަޔަކަށް ހުޅުމާލެ ހެދުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި "އަމާން އުދަރެސް" ސަރަހައްދުގައި، ހިޔާ ސަރަހައްދުގައި ތަރައްގީކޮށްފައިވާ މައިޒާންތަކެކޭ އެއްފަދައިން ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމުތަކާއި އާންމުންނަށް އިށީނދެލައިގެން ތިބެވޭނެ ބަގީޗާތަކާއި މައިޒާންތައް ބިނާކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާޤް ވިދާޅުވީ، "އަމާން އުދަރެސް" ސަރަހައްދުގައި ޖަމާވެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ސަރަހައްދު ސާފުކޮށް ނިމުމާއެކު އެތަން އިތުރަށް ފެހިކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، ސާފުކުރުމަށްފަހު އެ ތަނަށް ގަވާއިދާ ހިލާފަށް ކުނި އަޅާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އަޅަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެފްޑީސީން މަޢުލޫމާތު ދިން ގޮތުގައި، ކުނި އަޅާ ފަރާތްތައް ދެނެގަތުމަށްޓަކައި ގްރައުންޑް ފްލޯގައި ހަރުކޮށްފައިވާ ކެމެރާ ސިސްޓަމްތައް އޮންލައިންކޮށް ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ކެމެރާތައް ލައިވްވުމާއެކު ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ދެނެގަނެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެއެވެ.
މަދިރި މަދުކުރުމަށާއި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން، ސާފުކުރުމުގެ ހަރާކާތްތަކުގެ އިތުރުން ފޮގުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ދަމުންނެވެ. "މަދިރިން ރައްކާ" ކެމްޕޭނުގެ ހަރަކާތްތައް ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސިލްސިލާކޮށް ކުރިއަށް ގެންދެއެވެ.
Ads by MACL
