ހުޅުމާލެ ސާފުކޮށް ބެލެހެއްޓުމަކީ މުޖުތަމައުގެ ހުރިހާ ފަރުދުންގެ ޒިންމާއެއް: އެޗްޑީސީ
ހުޅުމާލެ ސާފުތާހިރުކޮށް ބޭއްވުމަކީ ހަމައެކަނި ކުންފުނީގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، އެއީ އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ވެސް އިސް ޒިންމާއެއް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
"މަދިރިން ރައްކާ" ގެ ނަމުގައި ކުރިއަށްގެންދާ ހުޅުމާލެ ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމްގެ ދަށުން އަމާން ދޯދި ޓަވަރުތައް ކައިރި ސާފުކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން ޒުހައިރު ވަނީ ދިވެހިންގެ ސާފުތާހިރުކަމުގެ އާދަކާދަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖެއިން ބޭރަށްދާއިރު ދިވެހިންނަކީ ނަމޫނާ ދައްކާ ސާފުތާހިރު ބައެއް ކަމަށް ފާހަގަކުރައްވައި، ރާއްޖޭގައި ވެސް އެ އާދަ ހިފަހައްޓަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގައި ކުރިން ވެސް ކޮމިއުނިޓީ ގުޅިގެން ނުކުމެ މަގުތަކާއި ވެށި ސާފުކުރުމަކީ އާންމު އާދައެއް ކަމަށާއި، މިފަދަ ރީތި އާދަތައް ނެތެމުންދިއުމުގެ ސަބަބުން ތަފާތު މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ޒުހައިރު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް މާލެ ސަރަހައްދުގެ އާބާދީ ބޮޑުވަމުންދާއިރު، ހުޅުމާލެ ދެ ފިޔަވަހީގެ ފްލެޓް ސަރަހައްދުގައި އެކަނިވެސް ވިހިހާހުން މަތީ މީހުން އުޅެމުންދާކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
Ads by BMLއެޗްޑީސީން މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ދިރިއުޅެން ހިތްފަސޭހަ، ސާފު އަދި ދުޅަހެޔޮ މާހައުލެއް ގާއިމުކޮށްދިނުން ކަމަށް ޒުހައިރު ވިދާޅުވިއެވެ.
އެހެންކަމުން މުޅި މުޖުތަމައު އެއްބައިވަންތަކަމާއެކު ނުކުމެ ވެށި ސާފުތާހިރުކޮށް ބެހެއްޓުމުގެ މަސައްކަތުގައި ބައިވެރިވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
Ads by MACL
