ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލާ އެކު ތަރައްގީގެ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށް ގެންދެވޭނެ: އެލްޖީއޭ

ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލާ އެކު ތަރައްގީގެ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށް ގެންދެވޭނެ: އެލްޖީއޭ

ސަރުކާރުން ރަށްރަށުގައި ހިންގަން ރާވާފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ކައުންސިލްތަކުގެ އިހުތިސާސުން ނެގޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މަޝްރޫއުތަކުގެ ސްޕީޑް ވަރަށް ބޮޑަށް އަވަސްވެގެންދާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މި ބިލަކީ ސަރުކާރުގެ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ ގޮތުން ކަށަވަރުކޮށް، ބިން ހޯދުމުގައި ދިމާވާ އިދާރީ ދަތިތައް ހައްލުކުރުމަށް ފަރުމާކޮށްފައިވާ ބިލެކެވެ.

މި ބިލުގައިވާ ގޮތުން ކައުންސިލެއްގެ އިހުތިސާސްގައި އޮތް ނަމަވެސް، ރައްޔިތުންގެ މަންފާއަށް ހިންގާ ސަރުކާރުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ވަޒީރުންގެ މަޖިލީހުގެ ނިންމުމެއްގެ މަތިން ނެގޭނެއެވެ. އަދި ރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރަށް މިފަދަ ބިންތައް ނެގުމުގެ އިޚުތިޔާރު ލިބިގެންދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބިން ބޭނުންވުމުން ބައެއް ކައުންސިލްތަކުން އެކަމަށް ފަސްޖެހި، ބިން ދޫކުރުމުގައި ދަތިތަކާ ކުރިމަތިކުރުވާ ކަމުގެ ޝަކުވާތައް ލިބޭކަން ފާހަގަކުރައްވަމުން ނިމާލް ވިދާޅުވީ، ކައުންސިލްތަކަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އިތުރުން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް މަގުފަހިކޮށްދޭން ޖެހޭ މުހިންމު ފަށަލައެއް ކަމަށެވެ.

ސަރުކާރުން ރައްޔިތުންނަށްޓަކައި ހިންގާ މަޝްރޫއުތަކަށް ބިން ނެގުމަކީ ކައުންސިލްތަކުގެ ޚިދުމަތްތަކަށް އެޅޭ ހުރަހެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، ކޮންމެ ކައުންސިލަކުން ވެސް މިފަދަ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޤުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅުމާއި، މަޝްރޫއުތައް ހުއްޓުވުމުގެ ބާރު ކައުންސިލްތަކަށް ލިބިގެން ނުވާނެ ކަމަށް މި ބިލުގައި ކަނޑައަޅާފައިވާއިރު، މި އިސްލާހު ފާސްވުމުން ޤައުމީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ދިމާވާ ބޮޑެތި ލަސްތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.