ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

20 ވަނަ މަޖިލީހަކީ މިނިވަން މަޖިލީހެއް، އެމްޑީޕީން އުޅެނީ ހަގީގަތް އޮޅުވާލައިގެން: މަމްދޫހު

ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ---
ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ---

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ފުރިހަމަ މިނިވަންކަމާއެކު ގައުމީ ވިސްނުމުގައި ހިނގަމުންދާ މަޖިލީހެއް ކަމަށާއި، އެމްޑީޕީން އަދިވެސް މަސައްކަތްކުރަނީ ހަގީގަތް އޮޅުވާލުމަށް ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކަތަކަކަށް ރައްދުދެއްވަމުން މަމްދޫހު އެކްސްގައި ހިއްސާކުރެއްވި ޚަބަރުތަކުގައި ވަނީ، ނިމިދިޔަ 19 ވަނަ މަޖިލީހާ ހިލާފަށް މިހާރުގެ މަޖިލިސް މާ ބޮޑަށްވެސް މިނިވަންވާނެ ކަމަށް ފާހަގަކުރައްވާފަ އެވެ. އެގޮތުން ކުރީގެ ސަރުކާރުން މަޖިލީހުގެ ތެރެއަށް ނުފޫޒު ފޯރުވި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ބާރުއަޅުއްވަނީ ގާނޫނުހެދުމުގެ ބާރުގެ މިނިވަންކަން ދެމެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެެވެ.

މީގެއިތުރުން، އެމްޑީޕީގެ ލީޑަޝިޕުން އެ ޕާޓީގެ މެންބަރުންނަށް ބިރުދައްކައި، ވަޒީރުންނަށް ރުހުންދިނުމުގައި ވަކިގޮތަކަށް އަމަލުކުރަން މަޖުބުރުކުރުވި ކަމަށް މަމްދޫހު ތުހުމަތުކުރެއްވި އެވެ.

އަދި ޕީއެންސީގެ މެންބަރުން މަސައްކަތްކުރަމުންދަނީ އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ މިނިވަންކަމާއެކު ރައްޔިތުންގެ ހައްގުގައި ކަމަށާއި، ކުރީގެ ސަރުކާރުން ގައުމު ހަލާކުކޮށްލާފައިވާއިރު މިހާރުގެ ސަރުކާރުން މަސައްކަތްކުރަމުންދަނީ ކަންކަން ހަމަމަގަށް އެޅުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.