200 އެތްލީޓުންނާއެކު ރައުހަތު ސްޕޯޓްސްގެ ތަމްރީނުތައް ފަށައިފި
ރާއްޖޭގެ އެތްލެޓިކްސްގައި ފާހަގަކޮށްލެވޭ ކާމިޔާބު ކުލަބެއް ކަމަށްވާ ރައުހަތު ސްޕޯޓްސްގެ ޕްރޮގްރާމްތައް 200 އެތްލީޓުންނާއެކު ރަސްމީކޮށް ފަށައިފިއެވެ.
ރައުހަތު ސްޕޯޓްސް އިން މައުލޫމާތު ދޭގޮތުގައި، މިއަހަރުގެ ތަމްރީނުތަކުގައި ބައިވެރިވި 200 އެތްލީޓުންނާއެކު، އެ ކުލަބުން މިހާތަނަށް ތަމްރީނުކުރި އެތްލީޓުންގެ ޖުމްލަ އަދަދު ވަނީ 800 އަށް އަރާފައެވެ.
މިއީ ރާއްޖޭގެ އެތްލެޓިކްސް ކުރިއެރުވުމަށް އެ ކުލަބުން ކުރަމުންދާ
މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
Ads by BMLއެތްލެޓިކްސްގެ އެކި މުބާރާތްތަކުގައި ވާދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ރައުހަތު ސްޕޯޓްސްގެ އަމާޒަކީ ގައުމީ ފެންވަރުގެ މޮޅު އެތްލީޓުން އުފެއްދުމެވެ.
އެގޮތުން، އެ ކުލަބުން ތަމްރީނުވެގެން ނުކުތް ތިން އެތްލީޓަކު މިހާރުވެސް ދަނީ ގައުމީ ޓީމުގައި ހިމެނިގެން ރާއްޖެ ތަމްސީލުކުރަމުންނެވެ.
މީގެ އިތުރުން، އެކުލަބުން ތަމްރީންތައް ފެށި ބާރު ދުވުންތެރިން ކަމަށްވާ އިބާދުالله އާދަމް، އަދި ނާހިލް ނިޒާރު ދަނީ ސަރުކާރުގެ ސްކޮލަޝިޕްގެ ދަށުން ބޮޓްސްވާނާގައި ތަމްރީނުތައް ފުރިހަމަކުރަމުންނެވެ. މި ދެ ދުވުންތެރިންނަކީ ތިނަދޫއަށް އުފަން ދެ ދުވުންތެރިންނެވެ.
ރައުހަތު ސްޕޯޓްސް އަކީ ރާއްޖޭގެ އެތްލެޓިކްސް މައިދާނުގައި ނަތީޖާ ނެރޭ، އަދި އުންމީދީ އެތްލީޓުން ބިނާކުރުމުގައި ނަމޫނާ ދައްކަމުންދާ ކުލަބެކެވެ.
މިއަހަރުގެ ތަމްރީނުތައް ފެށިގެން ދިޔައީވެސް ކުރިއަށް އޮތް މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމުގެ ވަރުގަދަ އަޒުމަކާ އެކުގައެވެ.
މީގެ އިތުރުން ރައުހަތު ސްޕޯޓްސް އިން ފާހަގަކުރި ގޮތުގައި، މި އަހަރުގެ ތަމްރީނުތަކުގައި އެންމެ އިސްކަމެއް ދޭނީ އެތްލީޓުންގެ ފަންނީ ހުނަރު ކުރިއެރުވުމުގެ އިތުރުން، އެ ކުދިންގެ އަޚުލާގާއި ކުޅިވަރުގެ ރޫހު ވަރުގަދަކުރުމަށެވެ.
ކުލަބުގެ ތަމްރީނުތައް ފަރުމާކޮށްފައިވަނީ ތަފާތު އުމުރުފުރާތަކަށް ބަހާލައިގެން، ކޮންމެ އެތްލީޓަކަށްވެސް އެންމެ އެކަށީގެންވާ އިރުޝާދުތައް ލިބޭނެ ގޮތަށެވެ.
މިފަދަ ފުރުސަތުތަކާއި އިތުރު ތަމްރީންތައް އެތްލީޓުންނަށް ހޯދައިދިނުމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ރައުހަތު ސްޕޯޓްސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
Ads by MACL
