ގެއްލުނު ތިން މީހުން ހޯދަން ބޭރު ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދަން ފަށައިފި
މިދިޔަ ބުދަ ދުވަހު ކަނޑުމަތީގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ގެއްލުނު މީހުން ހޯދުމަށް ކަމަށެވެ. އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ގެއްލުނު މީހުން ހޯދުމުގައި ބޭރުގެ އެހީތެރިކަން ނުހޯދަނީ ކީއްވެގެންތޯ ބުނެ އާންމުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.
މި ހާދިސާ ހިނގާފައިވަނީ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ތިލަފުއްޓަށް ގޮސް، އެ ރަށުން ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ކަނޑުވެ، އަޑިއަށް ދިއުމުގެ ސަބަބުންނެވެ. މި ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ޖުމްލަ އަށް މީހުން ތިބި އިރު، އޭގެ ތެރެއިން ހަތް މީހަކު ވަނީ ކަނޑުމަތިން ސަލާމަތްކޮށްފައެވެ.
Ads by BMLނަމަވެސް، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި އަމަލީ ގޮތުން ބައިވެރިވި ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ. ގެއްލިގެން ހޯދަމުންދަނީ ނ. މަނަދުއަށް ނިސްބަތްވާ 33 އަހަރުގެ ޕޮލިސް ސާޖަންޓް އަލީ ނާފިއު އާއި، އެމްއެންޑީއެފްގެ 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދުގެ އިތުރުން، ތ. މަޑިފުއްޓަށް ނިސްބަތްވާ 35 އަހަރުގެ މުހައްމަދު ހަމްދޫނެވެ.
މި ތިން މީހުން ހޯދުމުގެ މަސައްކަތުގައި ވައިގެ މަގުން ޑްރޯންގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓެއް އަންނަނީ ބޭނުންކުރަމުންނެވެ. އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި، ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ވަނީ ބަލާފައެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން އެ މީހުން ފެނިފައި ނުވި ނަމަވެސް، ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
Ads by MACL
