ނ. ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ރަސްމީކޮށް ހުޅުވައިފި
ޓ.ނ. އަތޮޅު ކެނދިކުޅުދޫގައި ކުޑަކުދިންނަށް ހިތްފަސޭހައިން ތާޒާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ އައު ޕާކެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ކުޑަކުދިންގެ މުނިފޫހިފިލުވުމާއި އަރާމުކުރުމަށް އެކަށީގެންވާ ވަސީލަތްތައް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅަކަށްވާ އިރު، މި ޕާކާއެކު އެ ރަށުގެ ކުޑަކުދިންނަށް ބޮޑު އުފަލެއް ލިބިގެން ގޮސްފައިވެއެވެ.
ކެނދިކުޅުދޫގައި އަލަށް ޤާއިމުކުރި މި ޕާކު ހުޅުވައިދެއްވީ އެކަމަށްޓަކައި ޚާއްޞަކޮށްގެން މިއަދު ބޭއްވި އުފާވެރި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޡީމް ބައިވެރިވެވަޑައިގެން ޕާކު ވަނީ ރަސްމީކޮށް ހުޅުވައިދެއްވާފައެވެ.
Ads by BMLރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ޕާކު ނެތް ރަށްރަށުގައި ޕާކު ތަރައްޤީކުރުމުގެ މި މަޝްރޫޢުގެ ދަށުން ޖުމްލަ 46 ރަށެއްގައި މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ހިއްސާވާ ފަސް ކުންފުންޏަކަށެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި، އާރުޑީސީގެ އިތުރުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހިމެނޭކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
މުޅި ރާއްޖެ ހިމެނޭހެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢު ބަހާލާފައިވަނީ ދެ ބުރަކަށެވެ. އެގޮތުން މި މަޝްރޫޢުގެ ފުރަތަމަ ބުރުގައި 14 ރަށެއް ހިމެނޭ އިރު، ދެވަނަ ބުރުގައި 32 ރަށެއްގައި ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
Ads by MACL
