ސިންގަޕޫރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ސިންގަޕޫރުގެ ޤައުމީ ދުވަހުގެ މުނާސބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަތުނަމްއަށާއި ބޮޑުވަޒީރު ލޯރެންސް ވޮންގަށް ތަހުނިޔާގެ ޚާއްސަ މެސެޖުތަކެއް ފޮނުއްވައިފިއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮނުއްވި މި މެސެޖުތަކުގައި، ސިންގަޕޫރަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.
ރައީސް ޝަންމުގަރަތުނަމަށް ފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކުވެރިކަމާއި އިތުބާރާއި އަދި ސަރަޙައްދީ ސުލްޙައަށް ކުރާ އުންމީދުތައް ފާހަގަކުރައްވާފައިވެއެވެ. އަދި ސިންގަޕޫރަކީ ސަރަޙައްދުގެ އީޖާދީ އަދި އުއްމީދީ މަރުކަޒެއްގެ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ފާހަގަކުރެވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
Ads by BMLބޮޑުވަޒީރު ލޯރެންސް ވޮންގަށް ފޮނުއްވި މެސެޖުގައި، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ތަޢުލީމާއި، ޤާބިލުކަން އިތުރުކުރުމުގެ ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްޤީއާއި ސުލްޙައަށް އެކުގައި މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ.
މި މެސެޖުތަކުގައި، ދެ ޤައުމުގެ ވެރިންނަށް ދުޅަހެޔޮކަމާއި، ސިންގަޕޫރުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ތަހުނިޔާ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކޮށްވެސް އާންމުކުރައްވާފައެވެ.
Ads by MACL
