ދަނޑުވެރިކަމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް، ހއ. ކެލައަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކުރެވުނު "ދަނޑުވެރި ނަފާ" ލޯނުގެ ފުރަތަމަ ބުރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ދެ ސްކީމަކީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގާ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް" (މެޕް) ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ. މީގެ ތެރެއިން "ދަނޑުވެރި މަންފާ" މެޗިން ގްރާންޓް ސްކީމަށް ފަނަރަ މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ މީގެ ކުރިން ދެމުންދިޔަ "ނަފާ ލޯން ސްކީމް" އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް، އެ ނިޒާމުގެ ދަށުން "ދަނޑުވެރި ނަފާ" ގެ ނަމުގައި ހުޅުވާލި ފުރަތަމަ ފަހަރެވެ.
މި އިފްތިތާހީ ހަފްލާ ބޭއްވުނީ ހއ. ކެލައިގައެވެ. މި ހަފްލާއަށްފަހު ދެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
Ads by BML"ދަނޑުވެރި މަންފާ" ގްރާންޓް ސްކީމް އަމާޒުކޮށްފައިވަނީ ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ކޯޕޮރޭޓިވް ސޮސައިޓީތަކަށްވެސް މި ގްރާންޓަށް އެދިުށުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ގްރާންޓުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ދެވަނަ ބުރުގައިވެސް ފުރުސަތު ހުޅުވާލާފައިވަނީ ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށެވެ. އެއީ ގްރީންހައުސް އިންސްޓޯލްކޮށްގެންނާއި، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެނޫންވެސް ތިމާވެށްޓާ ރައްޓެހި ޒަމާނީ މީޑިއަމްތައް ގާއިމުކޮށްގެން ދަނޑުވެރިކަން ކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.
"ދަނޑުވެރި ނަފާ" ފައިނޭންސިންގ ފެސިލިޓީގެ މައިގަނޑު އަމާޒަކީ ޒަމާނީ ދަނޑުވެރިކަމުގެ ތަފާތު މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި އާބަން އަދި ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވާޓިކަލް ގާޑްނިންގ، ކުކުޅާއި ކުދި ޖަނަވާރު ގެންގުޅުން، އެގްރޯ ޕްރޮސެސިންގ އަދި ޕްލާންޓް ނާސަރީ ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ވެޓެރިނަރީ ސާވިސްއާއި ޕެޓް ސަޕްލައި ފަދަ ޚިދުމަތްތަކަށްވެސް މި ފެސިލިޓީގެ ދަށުން ފައިނޭންސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްތަކުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ދަނޑުވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތައް ފުޅާކުރުމަށް އިންވެސްޓްކުރާނެ މަގު ފަހިކޮށްދިނުމެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް މަގުފަހިވެ، ދަނޑުވެރިކަމުގެ ސިނާއަތަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެންދާނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
މި ގްރާންޓް ސްކީމާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކަނޑައެޅިފައިވާ ރަށްތަކުގައި ކުރިއަށްދާއިރު، އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށެވެ.
Ads by MACL
