ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ ރިކްރޫޓްމަންޓް މަރުހަލާ 13 ސަރަޙައްދެއްގައި ފަށައިފި

ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ ރިކްރޫޓްމަންޓް މަރުހަލާގެ ތެރެއިން --- ފޮޓޯ: ޕީއެސްއްމް
ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ ރިކްރޫޓްމަންޓް މަރުހަލާގެ ތެރެއިން --- ފޮޓޯ: ޕީއެސްއްމް

ޤައުމީ ޚިދުމަތުގެ އަސާސީ ތަމްރީނު ޕްރޮގްރާމް ނުވަތަ [ވަޠަނީ ޚިދުމަތުގެ] 4 ވަނަ ބެޗަށް ކެންޑިޑޭޓުން ހޮވުމުގެ ސެލެކްޝަން ޕްރޮސެސް މާލެއާއި އަތޮޅުތަކުގެ އެކި ސަރަޙައްދުތައް ހިމެނޭހެން ޖުމްލަ 13 ސަރަޙައްދެއްގައި މިއަދު ފަށައިގެން ކުރިއަށް އެބަދެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ މި ސެލެކްޝަން މަރުހަލާ މިއަދުން ފެށިގެން މި މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް ލެފްޓިނެންޓް ކާނަލް އިބްރާހިމް ހަލީމް ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މި ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ޚާއްޞަކޮށްފައިވަނީ ވަޠަނީ ޚިދުމަތުގެ 3ވަނަ ބެޗަށް ކުރިމަތިލައި، ޖާގަ ނުލިބުނު ކުދިންނަށް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ސެލެކްޝަން ޕްރޮސެސްގެ ތެރޭގައި އެޕްޓިޓިއުޑް ޓެސްޓު ދިނުމާއި، އިންޓަވިއު ކުރުމުގެ އިތުރުން ފިޒިކަލް ޓެސްޓާއި، ސްވިމިންގ ޓެސްޓު އަދި ހެލްތް ސްކްރީނިންގ ކުރިއަށްދާނެއެވެ.

މާލެއާއި އަތޮޅުތެރޭގައި މި މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި އެމްއެންޑީއެފްގެ 6 ޓީމެއް އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާއިރު، މި ޕްރޮސެސް އަމާންކަމާއެކު ކުރިއަށްދަނީ ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލްތަކުގެ ބޮޑު އެއްބާރުލުމަކާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، އަޚުލާޤީ ގޮތުން ރަނގަޅު އަދި ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ހިންގާ ތަމްރީނު ބުރެކެވެ.

މި ތަމްރީނުތަކުގެ ތެރޭގައި އަޚުލާޤީ ހަރަކާތްތަކުގެ އިތުރުން ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް އަދި ޢަސްކަރީ ތަމްރީނުތައް ހިމެނެއެވެ.

ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ސެޓްފިކެޓުގެ އިތުރުން، ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ސެޓްފިކެޓް 3، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ސެޓްފިކެޓް ލިބިގެންދާނެއެވެ.

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ދެ ބެޗުގެ ތަމްރީނުތައް ނިމިފައިވާއިރު، 112 ރަށަކުން ޖުމްލަ 352 ކެޑޭޓުންނާއެކު (288 ފިރިހެން އަދި 64 އަންހެން) 3ވަނަ ބެޗުގެ ތަމްރީނުތައް މިހާރުވެސް ދަނީ ކުރިއަށެވެ.