އަތޮޅުތެރެއިން: މާޅެންދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި
ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ނ. މާޅެންދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޕާކު ހުޅުވުމަށް އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕާކު އިފްތިތާޙު ކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިންއާއި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ހާމިދުގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ޞާލިޙެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން، ކުޑަކުދިންނަށް އުފާވެރި އަދި ރައްކާތެރި މާޙައުލެއް ބިނާކޮށްދިނުމަށް ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. މިއީ ސަރުކާރުން ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
Ads by BMLޕާކު ހުޅުވުމުގެ ހަފްލާގައި މާޅެންދޫ ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވިއެވެ.
މިފަދަ މުނިފޫހިފިލުވުމުގެ މަރުކަޒުތަކަކީ ރަށްރަށުގެ އިޖުތިމާޢީ ބަދަހިކަން އިތުރުކުރުމަށާއި، އާއިލާތަކުން ހަވީރުގެ ވަގުތުތަކުގައި އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ވަސީލަތްތައް ގާއިމްކުރުމަކީ ސަރުކާރު އަމާޒެކެވެ.
Ads by MACL
