އަމާން ދޯދި ސަރަހައްދުން މިހާތަނަށް 670 ޓަނުގެ ކުނި ނަގައިފި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ހުޅުމާލޭގެ "އަމާން" ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމަށް "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން މިހާތަނަށް 670 ޓަނުގެ ކުނި ނަގައިފިއެވެ.
މި ހަރަކާތަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. މިއީ އެ ސަރަހައްދުގައި މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްޔިތުން ރައްކާތެރިކުރުމުގެ މަގްސަދުގައި ހިންގި ހަރަކާތެކެވެ.
މިއަދު ހެނދުނު ފެށި މި ސާފުކުރުމުގެ މަސައްކަތުގައި، އަމާން ދޯދި 11 އިން ފެށިގެން 14 ވަނަ ޓަވަރާ ހަމައަށް ހުރި ކުނިތައް ބާވަތްތަކަށް ވަކިކޮށް، މުޅި ސަރަހައްދު އެއްކޮށް ސާފުކޮށްފައިވެއެވެ. މި ހަރަކާތުގައި އަމާން ޓަވަރުތަކުގެ ރައްޔިތުންނާއެކު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވިއެވެ.
Ads by BMLމި ހަރަކާތުގެ ތެރެއިން އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާން ވަނީ މަދިރިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ދެއްވާފައެވެ. ނުރައްކާތެރި ބަލިތަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ކުނި ރަނގަޅަށް މެނޭޖްކުރުމާއި ފެން ހަރުލާ ތަންތަން ނައްތާލުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ވިދާޅުވީ، ހުޅުމާލޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރާ މަސައްކަތް ކާމިޔާބުވަނީ ސަރުކާރުގެ މުއައްސަސާތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭތީ ކަމަށެވެ. އަދި އަމާޒަކީ ހުޅުމާލެއަކީ އަމާން އަދި ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 670 ޓަނުގެ ކުނި އުކާލާފައިވާއިރު، މި މަސައްކަތް ނިމުމުން އެ ސަރަހައްދު "ގްރީން ޒޯނަކަށް" ބަދަލުކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން، ޖޯލިފަތިތަކާއި ބައްތިތައް ހަރުކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް އެ ސަރަހައްދުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
އެފްޑީސީން މީގެ ކުރިންވެސް "ފަހި ސާފުވެށި" ކެމްޕޭނުގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ. އެގޮތުން 2025 އިން 2026 އާ ހަމައަށް ހިންގި ހަރަކާތްތަކުގައި ޖުމްލަ 5,040 ޓަނުގެ ކުނި އުކާލާފައިވާއިރު، މި މަސައްކަތްތަކަށް އެފްޑީސީގެ ބަޖެޓުން 13.48 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
"މަދިރިން ރައްކާ" ކެމްޕޭނަކީ ހުޅުމާލޭގެ ރައްކާތެރިކަމަށްޓަކައި އެޗްޑީސީން ސިލްސިލާކޮށް ހިންގާ ހަރަކާތެކެވެ. މީގެ ދަށުން ރަށުތެރެ ސާފުކުރުމާއި ފޮގް ކުރުން ފަދަ މުހިންމު މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދެއެވެ.
Ads by MACL
