ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވީއައިއޭގެ 24 ގަޑިއިރުގެ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ހިންގައިދޭ އެންމެބޮޑު ބާރަކީ ޕީޖީޑީޑީ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ޓާމިނަލް 2) ----
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ޓާމިނަލް 2) ----

ވީއައިއޭގެ 24 ގަޑިއިރުގެ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ހިންގައިދޭ އެންމެ ބޮޑު ބާރަކީ ޕަވަރ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް (ޕީޖީޑީޑީ) ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިގްތިސާދާއި ދަތުރުފަތުރުގެ އެންމެ މުހިންމު ނާރެސް ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ހުރިހާ ވަސީލަތްތަކަށާއި އޮޕަރޭޝަންތަކަށް ބޭނުންވާ ކަރަންޓު މެދުކެނޑުމެއްނެތި ފޯރުކޮށްދީ، މުޅި ނިޒާމު ދުވަހުން ދުވަހަށް ބަލަހައްޓައި ސުޕަވައިޒް ކުރަނީ މި ޑިޕާޓްމަންޓުން ކަމުގައެވެ.

ދުނިޔޭގެ ގިނަ އެއާޕޯޓުތަކާ ހިލާފަށް، ހުޅުލޭގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭރުގެ އެކްސްޓަރނަލް ސަރވިސް ޕްރޮވައިޑަރަކަށް ބަރޯސާވުމުގެ ބަދަލުގައި، އެމްއޭސީއެލްއިން އަމިއްލައަށް ކަރަންޓު އުފެއްދުމުގެ އިންފްރާސްޓްރަކްޗާ މެނޭޖްކުރުމަކީ އެއާޕޯޓުގެ އޮޕަރޭޝަނަލް ރެސިލިއަންސް ނުވަތަ ހުރަހަކާނުލައި ހިދުމަތް ދިނުމުގެ ގާބިލުކަން އިތުރުކޮށްދޭ މުހިންމު ސަބަބެކެވެ. މި މަސައްކަތުގެ ބޮޑު މަސްއޫލިއްޔަތެއް އުފުލާ ޕީޖީޑީޑީން ދަނީ ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޖެނެރޭޓަރު ސެޓްތަކާއި ޕަވަރ ޕްލާންޓުގެ އެކި އިކުއިޕްމަންޓްތައް އޮޕަރޭޓްކޮށް، ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށް ގަވާއިދުން ބަލަހައްޓަމުންނެވެ.

މި ޑިޕާޓްމަންޓުގެ މަސައްކަތްތަކުގެ ތެރޭގައި ދުވަހުން ދުވަހަށް ޕަވަރ ޕްލާންޓް އޮޕަރޭޓްކުރުމާއި، މައްސަލައެއް ދިމާވުމުގެ ކުރިން ކުރަންޖެހޭ ޕްރިވެންޓިވް މެއިންޓަނަންސް ކުރުމާއި، ޓެކްނިކަލް މައްސަލަތައް އަވަހަށް ހައްލުކުރުން ހިމެނެއެވެ. މި މަސައްކަތްތައް ކުރިއަށްދަނީ މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯމެކޭނިކަލް އަދި ކޮންޓްރޯލް ސިސްޓަމްތަކަށް ހާއްސަ ޓެކްނިކަލް މުވައްޒަފުންގެ ޓީމުތަކުން ޝިފްޓް އުސޫލުން 24 ގަޑިއިރު ހަރަކާތްތެރިވެގެންނެވެ. މެކޭނިކަލް ޓީމުން އިންޖީނުތަކާއި އޭގެ އެކްސެސަރީސްތައް ބަލަހައްޓާއިރު، އިލެކްޓްރިކަލް ޓީމުން ބަލަހައްޓަނީ ކޮންޓްރޯލް ސިސްޓަމްތަކާއި ކަރަންޓު ފޯރުކޮށްދޭ ނެޓްވޯކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއާއެކު ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރުން ވަނީ ވަރަށް މުހިންމު ކަމަކަށް ވެފައެވެ. އެގޮތުން އަލަށް ތަރައްގީކުރި ޓަރމިނަލް 1 ގެ އޮޕަރޭޝަންތަކަށް އެކަނިވެސް ސަޕްލައިކުރުމަށްޓަކައި 12 އާއި 16 މެގަވޯޓާ ދެމެދުގެ ކަރަންޓުގެ ކެޕޭސިޓީއެއް ބޭނުންވާކަމަށް އެމްއޭސީއެލްއިން ކުރިން ހާމަކޮށްފައިވެއެވެ. މި ބޮޑު އިންފްރާސްޓްރަކްޗާއަށް ބޭނުންވާ އިލެކްޓްރިސިޓީ ގްރިޑާއި ނެޓްވޯކް ގާއިމުކުރުމުގެ މަސައްކަތްވެސް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައިވަނީ އެމްއޭސީއެލްގެ އަމިއްލަ އިލެކްޓްރިކަލް އިންޖީނިއަރުންނާއި ޓެކްނިކަލް ޓީމުންނެވެ.

އެއާޕޯޓުގެ ޓަރމިނަލްތަކުގެ ހިދުމަތްތަކާއި، ބެގޭޖް ހޭންޑްލިންގ ސިސްޓަމް، ލައިޓިންގ، މުވާސަލާތީ ނިޒާމުތައް، ސެކިއުރިޓީ އިންފްރާސްޓްރަކްޗާ، ޕެސެންޖަރ ޕްރޮސެސިންގ، ރަންވޭއާއި އޭރިއަލް ފެސިލިޓީސް، އަދި ކޫލިންގ ސިސްޓަމްތައް ހުއްޓުމެއްނެތި ހިނގަމުންދަނީ ޕީޖީޑީޑީގެ ވަރުގަދަ ނެޓްވޯކުގެ ސަބަބުންނެވެ.

ފުރަންދާ ފަސިންޖަރުންނަށް ސީދާ ފެންނަން ނެތްކަމުގައި ވީނަމަވެސް، އެއާޕޯޓުން ދޭ ކޮންމެ ހިދުމަތެއްގެ ފަހަތުގައިވާ އެންމެ ބޮޑު ބާރަކީ މި ޑިޕާޓްމަންޓުން ފޯރުކޮށްދޭ އިތުބާރުހުރި، މެދުކެނޑުމެއްނެތް ކަރަންޓުގެ ހިދުމަތް ކަމުގައި އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.