ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސާކް ސަރަހައްދުގެ ހޭނައްތާ ޑޮކްޓަރުންގެ ބައްދަލުވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަނީ

ސާކް ސަރަހައްދުގެ ހޭނައްތާ ޑޮކްޓަރުންގެ ބައްދަލުވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަނީ

ސާކް ސަރަހައްދުގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމްޢިއްޔާގެ ފަނަރަވަނަ ބައްދަލުވުން އަންނަ އޮގަސްޓު މަހުގެ ފަނަރައިން ސޯޅައަށް އއ. އުކުޅަހުގައި ބޭއްވުމަށް ދިވެހި ހޭނައްތާ ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ނިންމައިފިއެވެ.

މިއީ މި ކޮންފަރެންސް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުން އިންތިޒާމުކުރަނީ ސިއްހީ ވުޒާރާއާއި ހޮސްޕިޓަލުތަކުގެ އެހީތެރިކަމާއެކުގައެވެ.

މި ކޮންފަރެންސް ބާއްވަނީ އއ. އުކުޅަހުގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އެނެސްތީސިއޮލޮޖީ ދާއިރާގެ ތަޖުރިބާކާރުން އެއް މަންސައަކަށް ގެނެސް، ދާއިރާގެ އެންމެ ފަހުގެ ކުރިއެރުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރުމެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް ދިވެހި ޑޮކްޓަރުންނާއެކު ދުއިސައްތައަށްވުރެ ގިނަ މަންދޫބުން ވަނީ ރަޖިސްޓްރީކޮށްފައެވެ. މި ބައްދަލުވުމުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ފަންނީ ތަޖުރިބާކާރުން ބައިވެރިވެ ކީނޯޓް ސްޕީޗް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގައި މި ދާއިރާ ކުރިއަރުވައި ތައުލީމީ ފުރުސަތުތައް ހޯދުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތައް ދެނެގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހި ހޭނައްތާ ޑޮކްޓަރުންގެ ޖަމްޢިއްޔާގެ ފަރާތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން އެނެސްތެސިއޮލޮޖިސްޓް އެންޑް ޕެއިން ސްޕެޝަލިސްޓް ޑރ. އަސްއަދު މުހައްމަދު ޝަހީދު ވިދާޅުވީ، މީގެ ކުރިން މި ބައްދަލުވުން ރާއްޖޭގައި ނުބޭއްވުނީ ދިވެހި ހޭނައްތާ ޑޮކްޓަރުން މަދުވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި ރާއްޖޭގައި ހުރީ އެންމެ ދިވެހި ހޭނައްތާ ޑޮކްޓަރެއް ކަމަށާއި، ނަމަވެސް މިހާރު އެގާރަ ދިވެހި ޑޮކްޓަރުން މި ދާއިރާގައި ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޮންފަރެންސް ފެށުމުގެ އެއްދުވަސް ކުރިން މާލެ ސަރަހައްދުގެ ހަތަރު ހޮސްޕިޓަލެއްގައި ދިވެހި ޑޮކްޓަރުންނަށް ހާއްސަކޮށްގެން ވޯކްޝޮޕްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހުޅުމާލެ ހޮސްޕިޓަލުގައި ކްރިޓިކަލް ކެއަރ، ޓްރީޓޮޕް ހޮސްޕިޓަލުގައި ކްރޮނިކް ޕެއިން މެނޭޖްމަންޓް، އޭޑީކޭ ހޮސްޕިޓަލުގައި އެއަރވޭއި މެނޭޖްމަންޓް އަދި އައިޖީއެމްއެޗްގައި ރީޖަނަލް އެނެސްތީސިއާއާ ގުޅޭ ވޯކްޝޮޕްތަކެވެ.

މި ވޯކްޝޮޕްތަކުގައި ސަތޭކަ ވިއްސަށްވުރެ ގިނަ ޑޮކްޓަރުން ބައިވެރިވުމަށް ވަނީ ރަޖިސްޓްރީކޮށްފައެވެ. މި ކޮންފަރެންސްގެ ސަބަބުން ސިއްހީ ދާއިރާގެ ފަންނީ ގާބިލުކަން އިތުރުވެ، ރާއްޖެއަށް އިގްތިސާދީ ފައިދާތަކެއްވެސް ލިބިގެންދާނެ ކަމަށް ސިއްހީ ވުޒާރާއިން ގަބޫލުކުރެއެވެ.