ހޮޅުދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި ޓެސްޓްކޮށްފި
ނ. ހޮޅުދޫގައި ގާއިމުކުރި ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތްތައް މުޅިން ނިންމައި އެ ނިޒާމު އިއްޔެ ޓެސްޓްކޮށް ކޮމިޝަންކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
މި މަޝްރޫއަކީ ހޮޅުދޫގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މުހިންމު އުމްރާނީ މަޝްރޫއެކެވެ.
މި ނިޒާމު ޓެސްޓްކޮށް ކޮމިޝަންކުރުމުގެ ހަރަކާތް ހޮޅުދޫގައި ކުރިއަށްދިޔައިރު، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދާއި ޓެކްނިކަލް މުވައްޒަފުންގެ އިތުރުން ކޮންޓްރެކްޓަރު ސްޓެޓިކް ކޮމްޕެނީއާއި ފެނަކަ ކޯޕަރޭޝަން އަދި ހޮޅުދޫ ކައުންސިލުގެ އިސް މަސްއޫލުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLމި މަޝްރޫއުގެ ދަށުން ހޮޅުދޫގައި ހަ ކިލޯމީޓަރާއި ހަސަތޭކަ މީޓަރުގެ ފެނުގެ ވިއުގައެއް ގާއިމުކޮށް، ފަސްދޮޅަސް ޓަނުގެ ދެ އާރްއޯ ޕްލާންޓާއި ފަންސީސް ޓަނުގެ ވާރޭފެން ޕްލާންޓެއް ވަނީ ބަހައްޓައިފައެވެ.
އޭގެ އިތުރުން 350 ޓަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކާއި ދެސަތޭކަ ޓަނުގެ ވާރޭފެން ރައްކާކުރާ ޓޭންކެއްވެސް މި މަޝްރޫއުގެ ދަށުން ވަނީ ގާއިމުކޮށްފައެވެ.
މިނިސްޓްރީން ބުނީ މި ނިޒާމުގެ އަމަލީ މަސައްކަތްތައް ނިމުމާ ގުޅިގެން، މި ނިޒާމު އޮޕަރޭޓްކުރުމަށްޓަކައި އޮޕަރޭޓަރާ ހަވާލުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.
Ads by MACL
