ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް 290,000 މީހުންގެ ބަޔޯމެޓްރިކްސް ނަގައިފި
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ހާއްސަ މަސައްކަތުގެ ތެރެއިން މިހާތަނަށް ދެ ލައްކަ ނުވަދިހަ ހަތަރު ހާސް ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު ނަގާފައިވާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި މަސައްކަތަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ސައްހަ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ގައުމީ ހަރަކާތެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ދެ ލައްކަ ނުވަދިހަ ފަސް ހާސް ހަސަތޭކަ ހަތްދިހަ އަައްޓަށް ބިދޭސީން އުޅެމުންދިޔަ ކަމަށެވެ. އޭގެ ތެރެއިން ސައްހަ ގޮތުގައި ބަޔޯމެޓްރިކަލީ އައިޑެންޓިފައި ކުރެވޭނެ ވަސީލަތެއް ދައުލަތުގެ އިދާރާއެއްގައި ހުރީ ސައްބީސް ހާސް ދެސަތޭކަ ބިދޭސީންގެ އެކަނި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
Ads by BMLއެހެންކަމުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި އުޅުނު ދެ ލައްކަ ހަތްދިހަ ހާހެއްހާ ބިދޭސީންނަކީ ކާކުކަން ނޭނގޭ ގޮތަށް ތިބި މީހުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ފެށި ހާއްސަ މަސައްކަތުގެ ދަށުން މިހާރު ކަންބޮޑުވާ ހާލަތުގައި ވަކިވަކިން އައިޑެންޓިފައި ނުވެ ތިބީ އެކަކު ސަތޭކަ ދެ މީހުން ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ ވޯކް ޕާމިޓުތައް ބެލެހެއްޓުމާއި، ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.
Ads by MACL
