ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަރުގެ ހުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތު، އެކަން ކުރާނެ: އިހްސާން

މަރުގެ ހުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތު، އެކަން ކުރާނެ: އިހްސާން

މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ތަންފީޒުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މި ކަމަކީ ރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި އިސްކަންދެއްވާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ކުރިންވެސް ހާމަކުރައްވާފައިވާ ކަމެކެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ މަރުގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ މަރުހަލާތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ތަންފީޒީ މަރުހަލާ ގަވަރުކުރުމަށް ބޭނުންވާ ޤާނޫނެއް ފަރުމާކޮށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތާއި، އިދާރީގޮތުން ތައްޔާރުވާންޖެހޭ ކަންކަން މިހާރު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުވެސް ކުރިން ވަނީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެފަދަ ކަމެއްގައި ދޫދިނުމަކީ ދައުލަތުގެ އިސް ފަރާތަށް އޮތް އިޚްތިޔާރެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް މަރުގެ އަދަބު ހިފެހެއްޓުމަކީ ދައުލަތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ ބާވަތާއި އަދަދަށް ބަލައި މަރުގެ އަދަބު ކަނޑައެޅޭނެ ގޮތަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ.