ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން ގޭންގު މާރާމާރީގައި މީހަކު މަރުވެފައި ނުވޭ: މިނިސްޓަރު އިހްސާން

މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން ގޭންގު މާރާމާރީގައި މީހަކު މަރުވެފައި ނުވޭ: މިނިސްޓަރު އިހްސާން

މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ހިންގުނު ހާއްސަ މަސައްކަތްތަކުގެ ސަބަބުން، ގޭންގު މާރާމާރީތަކުގައި އެއްވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 2007 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ކޮވިޑް-19 ގެ ދުވަސްވަރު ފިޔަވައި ކޮންމެ އަހަރަކުވެސް ގޭންގު މާރާމާރީތަކުގައި މީހުން މަރުވެފައިވާ ކަމަށެވެ. އެގޮތުން ބައެއް އަހަރުތަކުގައި އެވްރެޖްކޮށް ފަސް މީހުންގެ ފުރާނަ ގެއްލިފައިވާކަން ފާހަގަކުރައްވަމުން، މި ސަރުކާރުގެ ދައުރުގައި އެފަދަ އެއްވެސް ހާދިސާއެއް ހިނގާފައި ނުވާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ގޭންގު ކުށްތައް ހުއްޓުވުމުގެ ހާއްސަ ގާނޫނުގެ ދަށުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ފުލުހުންގެ ތެރޭގައި ގޭންގު ކުށްތަކަށް ހާއްސަކޮށްގެން 24 ގަޑިއިރު މަސައްކަތްކުރާ ޔުނިޓެއް އުފައްދާފައިވާ ކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ގޭންގު މާރާމާރީތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ކުށުގެ ވެށީގައި އުޅުނު ޒުވާނުން ހައްޔަރުކޮށް ހަމައެކަނި ޖަލަށްލުމުގެ ބަދަލުގައި، އެ ކުދިން ރީހެބިލިޓޭޓްކޮށް ވަޒީފާތަކަށް ނެރެ މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު އިހްސާން މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.