މީރާގެ ވެބްސައިޓް މެދުވެރިކޮށް ވަޤުފު ފަންޑަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ވަޤުފު ފަންޑަށް މިއަހަރުގެ މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ފައިސާ ލިބިފައިވަނީ ވަޤުފުކުރުމާއި ޞަދަޤާތްކުރުމަށް މީރާގެ ވެބްސައިޓުގައި ޤާއިމުކޮށްފައިވާ ޚާއްޞަ ލިންކުތައް މެދުވެރިކޮށެވެ. މި ފަންޑަށް ލިބޭ ފައިސާ ޚަރަދުކުރާނީ ވަޤުފު ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިވާ ކަންކަމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެ ފައިސާ ޚަރަދުކުރުމުގެ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ވަޤުފު ފަންޑުގެ އުސޫލުގައިވާ ގޮތުގެ މަތިންނެވެ. ރާއްޖޭގައި އިސްލާމީ ކަންތައްތަކަށް އެހީތެރިވުމުގެ ގޮތުން އުފައްދާފައިވާ މި ފަންޑަކީ ދީނީ އެކިއެކި މަޝްރޫޢުތަކަށާއި، މިސްކިތްތައް ބިނާކުރުމަށާއި، އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް ޚަރަދުކުރާ ފަންޑެކެވެ.
Ads by BMLފަންޑުގެ ފައިސާ ބޭނުންކުރާނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިންކަން ކަށަވަރުކުރުމަށްޓަކައި، ޓްރަސްޓް ސްޓޭޓްމަންޓާއި އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، ވަޤުފު ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ބިނާކުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ރާވާފައެވެ.
މީރާގެ ވެބްސައިޓުގައި ވަޤުފު ފަންޑަށް ފައިސާ ހަދިޔާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މައިގަނޑު މަޤުޞަދަކީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ޞަދަޤާތްކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މީގެ ކުރިން ފައިސާ ޖަމާކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތަޢާރަފުކުރި މި އޮންލައިން ޕޯޓަލްގެ ސަބަބުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށްވެސް ފަސޭހަކަމާއެކު ފަންޑަށް އެހީތެރިވެވޭނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރުގެ ތެރޭގައި ވަޤުފު ފަންޑު ތަރައްޤީކޮށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މީރާ މެދުވެރިކޮށް ލިބުނު ތަރުހީބަކީ މި މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ރާއްޖޭގައި ވަޤުފުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ދާރުލް އީމާން ފަދަ ވަޤުފު އިމާރާތްތައް ބިނާކޮށް، އެތަންތަނުން ލިބޭ އާމްދަނީން ދީނީ ކަންކަމަށް ޚަރަދުކުރެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން، ވަޤުފު ފަންޑަށް ލިބޭ ފައިސާ އިންވެސްޓްކޮށްގެން އިތުރު އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށްވެސް ވުޒާރާއިން ދަނީ މަސައްކަތްކުރަމުންނެވެ. މިހާރު ލިބިފައިވާ ތިން މިލިއަން ރުފިޔާއަކީ މި އަމާޒަށް ވާސިލުވުމަށް ލިބުނު މުހިންމު އެހީތެރިކަމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
Ads by MACL
