ރިޔާސީ އިންތިޚާބު ގާތްވީމަ ރައީސް ޔާމީން ރައީސް މުއިއްޒުގެ ފަޅިއަށް އަރާނެ: ފަލާހު
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިލާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ފޫގަޅާލައިގެން ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ.
އިބްރާހީމް ފަލާޙު މިފަދައިން ވިދާޅުވީ ރައީސް ޔާމީން އެމަނިކުފާނުގެ އަމިއްލަ ސިޔާސީ ޕާޓީ ކަމުގައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވައެވެ. ރައީސް ޔާމީން ވަނީ ވެރިކަމަށް ގެނައުމަށްޓަކައި އިދިކޮޅު މާލީ އަދި ސިޔާސީ މައި ޕާޓީ، މާލީދީވްސް ޑިމޮކްރެޓިކް ޕާޓީގެ މައްޗަށް އަދިވެސް އަދި އަބަދުވެސް އިޚުތިޔާރު ކުރައްވާނީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ފަލާޙު ވިދާޅުވީ 2028 ގައި ރައީސް ޔާމީން ހުންނަވާނީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮއްވަވަން ފޫގަޅާލައިގެން ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. އަދި އިދިކޮޅު ޕާޓީއަށް ވެރިކަން ލިބިއްޖެ ނަމަ ރައީސް ޔާމީން އަނެއްކާވެސް މާފުއްޓަށް ބަދަލުކޮށް އަނިޔާވެރިވާނެކަން އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ފަލާޙު ފާހަގަކުރެއްވިއެވެ.
Ads by BMLރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރާ އަޅާބަލާއިރު އެމްޑީޕީގެ ވެރިކަމުގައި ކުރި ކަންކަން މާ ބޮޑަށްވެސް ގޯސް ކަމަށެވެ. އެމަނިކުފާނު ވަނީ ކޮންމެ ވަގުތެއްގައިވެސް އަދި ކޮންމެ އަހަރަކުވެސް އެމްޑީޕީގެ މައްޗަށް އިޚުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީއަކީ ރައްޔިތުންނަށް އެހާ ބޮޑަށް ދުއްޕާންކުރި އަދި އަނިޔާވެރި ބައެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
އިދިކޮޅު ޕާޓީއަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެ ޕާޓީއަކީ ޑިމޮކްރަސީގެ ނަމުގައި އުޅުނަސް ޑިމޮކްރަސީ ދަންނަ ބައެއް ނޫން ކަމަށާއި، އެމީހުންގެ ބަހާއި އަމަލާ ދިމާނުވާ ކަމަށެވެ. އަދި 'އެޖެންޑާ ނަވާރަ' ވިއްކައިގެން ފަސް އަހަރު ވެރިކަން ކުރިއިރުވެސް އޭގެން ރައްޔިތަކަށް ކުރި ރަހަތެއް ނެތް ކަމަށާއި، އެއީ ޤައުމުގެ ކަރާމަތް ދަމަހައްޓަން މަސައްކަތްކުރި ބައެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ކުރިއަށް ދިއުމުގައި މަސައްކަތް ކުރަންވާނީ ފެއިލްވެފައިވާ ނިޒާމުތަކުން އަރައިގަތުމަށް ކަމަށާއި، އަނބުރާ ފަހަތަށް ދެވެން ނެތް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރުގެ ހަނދާންތައް ރައްޔިތުންގެ ކިބައިގައި ހުންނާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by MACL
