ރާއްޖެއާއި އެމެރިކާގެ އިގުތިސާދީ ގުޅުން ބަދަހިކުރުމަށް ވަޒީރު ސައީދު މަޝްވަރާކުރައްވައިފި
ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗާޖް ޑި އެފެއާޒް ޑޭވް ވިލިއަމްސްއާއެކު މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ އެއްބާރުލުން ވަރުގަދަކޮށް، އާ ފުރުސަތުތައް ހޯދުމަށް ދެފަރާތުން ބޭނުންވާކަން ވަނީ ހާމަކުރައްވާފައެވެ. އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެއްވިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އެމްބަސީގެ އިސް ވެރިންނާއި ވުޒާރާގެ އިސް މަސްއޫލުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLއެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އިގުތިސާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ޕްރައިވެޓް ސެކްޓަރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، އަދި މާލީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް އެމެރިކާގެ ކުންފުނިތަކަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމާއި، ދިވެހި އުފެއްދުންތަކަށް އެމެރިކާގެ ބާޒާރުން ޖާގަ ހޯދައިދިނުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ދެފަރާތަށްވެސް ފައިދާހުރި، އިގުތިސާދީ ފުދުންތެރިކަން އިތުރުކޮށްދޭނެ ގުޅުމެއްކަން ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.
ދިވެހިރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމުކުރެވުނު ފަހުން ދެ ގައުމުގެ ދެމެދުގައި އޮންނަ ސޫތުރީ އަދި އިގުތިސާދީ ގުޅުންތައް އަންނަނީ ވަރުގަދަވަމުންނެވެ. އެމެރިކާއިން ދަނީ ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
Ads by MACL
