ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމީ އެއަރލައިނުން ފުރަތަމަ ފަހަރަށް އެންމެ ފަހުގެ ޖެނެރޭޝަންގެ ސީޕްލޭން ގެންނަނީ

ޤައުމީ އެއަރލައިނުން ފުރަތަމަ ފަހަރަށް އެންމެ ފަހުގެ ޖެނެރޭޝަންގެ ސީޕްލޭން ގެންނަނީ

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭން ފްލީޓް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެގޮތުން، އެންމެ ފަހުގެ ޖެނެރޭޝަންގެ ޓްވިން އޮޓަރ ކްލެސިކް 300 ޖީގެ ދެ މަތިންދާބޯޓު ގެނައުމަށް ކެނެޑާގެ ޑީ ހެވިލިއަން ކުންފުންޏާއިއެކު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މިއީ ރާއްޖޭގެ އެއަރލައިނަކުން މިފަދަ އެންމެ ފަހުގެ މަތިންދާބޯޓުތަކެއް ގެނައުމަށް އޯޑަރ ކުރި ފުރަތަމަ ފަހަރު ކަމަށާއި، މިއީ 2018 ވަނަ އަހަރުގެ ފަހުން އެ ކުންފުނީގެ ޓްވިން އޮޓަރ ފްލީޓަށް ބޯޓެއް އިތުރުކުރެވޭ ފުރަތަމަ ފަހަރު ކަމަށްވާތީ މިއީ ތާރީޚީ ދުވަހެއްކަމުގައެވެ.

އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުރޮޅުލީ ޓްވިން އޮޓަރ މަތިންދާބޯޓުގައި ޝެޑިއުލް ކޮމާޝަލް ފްލައިޓްގެ ޚިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ އެއަރލައިންއަކީ ވެސް ޤައުމީ އެއަރލައިންކަން އިޔާސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން 2014 ވަނަ އަހަރު އެންމެ ދެބޯޓުން ފެށި މޯލްޑިވިއަން ސީޕްލޭންގެ ޚިދުމަތް މިއަދު ފަތުރުވެރިކަމުގެ ދާއިރާގެ ވަރުގަދަ ބައިވެރިންނާއިއެކު ފެންވަރު ރަނގަޅު ވައިގެ ޚިދުމަތަކަށް ބަދަލުވެފައިވާކަމަށާއި، މިހާރު 11 ޓްވިން އޮޓަރ މަތިންދާބޯޓާއެކު ރިސޯޓްތަކަށާއި ރަށްތަކަށް އިތުބާރު ހުރި އަވަސް ދަތުރުތަކެއް ކެނޑިނޭޅި ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މި އައު މަތިންދާބޯޓުތަކާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން އިޔާސް ވިދާޅުވީ، މިއީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކޮށް އުފައްދާފައިވާ ބޯޓުތަކަކަށްވާތީ، ކުރިން ގެނެވުނު ބޯޓުތަކަށް ގެންނަންޖެހުނު ޚާއްޞަ ބަދަލުތައް މި ބޯޓުތަކަށް ގެންނަން ނުޖެހޭނެކަމަށެވެ.

އަދި މިކަމަކީ އައިލެންޑް އޭވިއޭޝަންއާއި ކެނެޑާގެ ޑީ ހެވިލިއަން ކުންފުންޏާ ދެމެދު އޮތް ދިގުދެމިގެންދާ ގުޅުން ރަމްޒުކޮށްދޭ މުހިންމު ފިޔަވަޅެއްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.