މި ޖީލުގެ ބައެއް ދަރިވަރުން ދިވެހިބަހުން ވާހަކަދައްކަން ފަސްޖެހޭ މައްސަލައާމެދު ވިސްނަންޖެހޭ: ހީނާ
މި ޖީލުގެ ބައެއް ދަރިވަރުން ދިވެހިބަހުން ވާހަކަދައްކަން އުނދަގޫވެ، ފަސްޖެހޭ މައްސަލައަކީ ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ވާހަކަދެއްކުންތެރިކަމުގެ ހުނަރަކީ ބޮޑުވަމުން އަންނަ ކުދިންގެ ކިބައިގައި އާލާކުރަންޖެހޭ މުހިންމު ސިފައެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.
Ads by BMLމިއަދުގެ ޑިޖިޓަލް ދުނިޔޭގައި ފޯނުން ޗެޓްކޮށްގެން މުއާމަލާތުކުރުން އާންމުވެފައިވާއިރު، މީހުންނާ ސީދާ ބައްދަލުވެ ދިވެހިބަހުން ވާހަކަދައްކަން ބައެއް ކުދިން ޖެހިލުންވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ މީހުންނާ މުއާމަލާތުކުރުމާއި ވަޒީފާގެ މާހައުލުގައި ކާމިޔާބީ ހާސިލުކުރެވޭނީވެސް ރަނގަޅަށް ވާހަކަދައްކަން ދަސްވެގެން ކަމަށެވެ.
ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކޮށްދޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ދިވެހިބަހުން މުއާމަލާތުކުރުމަށް ހުރި ހުރަސްތައް ގިރާކޮށް، ގިނަ މީހުންގެ ކުރިމަތީގައި ބަސްބުނަން ކެރޭނެ ފުރުސަތެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
Ads by MACL
