ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައުދު ބަންދުން ދޫކޮށްލައިފި

ރައުދު ބަންދުން ދޫކޮށްލައިފި

ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލުމަށް ޕްރޮސެކެއިރުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިރުޝާދު ދީފައިވާތީ، ރޭ އޭނާ ބަންދުން ދޫކޮށްލައިފިއެވެ.

ރައުދަކީ މާލޭގެ އިމާރާތެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

ރައުދުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕީޖީ އޮފީހަށް ހުށަހެޅުމުން، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އިރުޝާދުދީފައިވާތީ، ރޭ ރައުދު ބަންދުން ދޫކޮށްލާފައިވާ ފުލުހުން ވަނީ ބުނެފައެވެ.

އަދި ދޫކޮށްލި އިރު ރައުދުގެ ބަންދުގެ މުއްދަތު އަދި ހަމައެއްނުވެއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު މައްސަލައިގައި ރައުދު އަލުން ހައްޔަރުކުރީ ޕީޖީ އޮފީހުގެ އިޖުރާއީ ލަފާގެ މަތިން މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޔުމްނު ވައްޓާލުމުގައި ބައިވެރިވުން އޮތް ކަމަށް ބަލައި ރައުދު، އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ހައްޔަރުކުރީ ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުންނެވެ.

ޔުމްނު ވެއްޓުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ރައުދު ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.