ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޭވިއޭޝަން ދާއިރާއަށް މީހުން ބިނާކުރަން އެމްއޭސީއެލްއިން ޚާއްޞަ އިންސްޓިޓިއުޓެއް އިފްތިތާޙުކޮށްފި

އޭވިއޭޝަން އިންސްޓިޓިއުޓުގެ އެއާޕޯޓު ސެކިއުރިޓީ މެނޭޖްމަންޓް ކޯހުން މަތީ ވަނަ ހާސިލްކުރި ދަރިވަރުން --- ފޮޓޯ: އެމްއޭސީއެލް
އޭވިއޭޝަން އިންސްޓިޓިއުޓުގެ އެއާޕޯޓު ސެކިއުރިޓީ މެނޭޖްމަންޓް ކޯހުން މަތީ ވަނަ ހާސިލްކުރި ދަރިވަރުން --- ފޮޓޯ: އެމްއޭސީއެލް

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކޮށް، އެއާޕޯޓުތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް "އެމްއޭސީއެލް އިން "އޭވިއޭޝަން އިންސްޓިޓިއުޓް (އެއިމް)" އިފުތިތާޙުކޮށް، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓު ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އިންސްޓިޓިއުޓުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި ކޯހުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ޚާއްސަ އެވޯޑުތައް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަޙްމޫދު ޝައުޤީއެވެ.

މި އިންސްޓިޓިއުޓްގެ ފުރަތަމަ ބެޗުގައި ސަނަދު ހާސިލްކޮށްފައިވަނީ އެއާޕޯޓު ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރުންނެވެ. މިއީ އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ޚިދުމަތާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ތަމްރީނެކެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 1 އިން ސެޕްޓެމްބަރު 9 ގެ ނިޔަލަށް ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހަކީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް، ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭގޮތަށް ފަރުމާކޮށްފައިވާ ފައުންޑޭޝަން ލެވެލްގެ ކޯހެކެވެ.