ގުރައިދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ނިމެނީ
ތ. ގުރައިދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތުގެ ހަތްދިހަ ނުވަ އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ތެރެއިން މިހާރު ސައިޓުގައި ކުރިއަށް ދަނީ ހިއްކި ސަރަޙައްދު ހިމާޔަތް ކުރުމަށްޓަކައި ބޮޑުހިލަ ޖެހުމުގެ މަސައްކަތާއި ޖިއޯ ބޭގް ރެވެޓްމަންޓް ޤާއިމުކުރުމުގެ މަސައްކަތެވެ. މި މަސައްކަތަކީ އެއާޕޯޓު އެޅުމަށްޓަކައި ހިއްކާފައިވާ ބިން ގިރައިގެން ދިއުން ހުއްޓުވުމަށްޓަކައި ކުރެވޭ މުހިންމު ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
ތ. ގުރައިދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ދެހާސް ސައުވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ސޯޅަ ވަނަ ދުވަހުއެވެ. އެއަށްފަހު އެ ކުންފުނިން މަޝްރޫޢުގެ ޢަމަލީ މަސައްކަތަށް ސައިޓަށް މޮބިލައިޒްވެފައިވަނީ ދެހާސް ސައުވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
Ads by BMLމި މަޝްރޫޢުގެ ދަށުން ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ އިތުރުން ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމުމުން ގުރައިދޫއާއި އެ އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.
Ads by MACL
