ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލަން އެމެރިކާއިން އީރާނަށް ގޮވާލައިފި

ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލަން އެމެރިކާއިން އީރާނަށް ގޮވާލައިފި

ހޮރްމޫޒް ކަނޑުއޮޅި އަކީ ބައިނަލްއަގުވާމީ ވިޔަފާރި އުޅަނދުފަހަރަށް ހުޅުވާލެވިފައިވާ ރައްކާތެރި ސަރަހައްދެއްކަން އާންމުކޮށް ބަޔާންކޮށް، އުޅަނދުތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެމެރިކާއިން އީރާނަށް ގޮވާލައިފިއެވެ.

އެމެރިކާގެ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި އީރާނާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނީ، އެ ކަނޑުއޮޅިން ދަތުރުކުރާ އާންމު އުޅަނދުތަކަށް ދެން ހަމަލާނުދޭނެ ކަމުގެ ޔަގީންކަން އީރާނުން އާންމުކޮށް އިއުލާން ކުރުމުންނެވެ.
މިދިޔަ ޖޫން މަހު ދެގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުން (އެމްއޯޔޫ) އާ ޚިލާފަށް، މި ހަފުތާގައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރުތަކަކަށް ހަމަލާދިނުމާ ގުޅިގެން އެމެރިކާއިން ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. އަދި އީރާނުން ވެސް ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާދީފައެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ބުނެފައިވަނީ ދެގައުމުގެ ދެމެދުގައި އޮތް ވަގުތީ ސުލްހައިގެ އެއްބަސްވުން މިހާރު "ނިމުމަކަށް އައިސްފައިވާ" ކަމަށެވެ. ނަމަވެސް، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކުރެވޭ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ޓްރަމްޕް ބުންޏެވެ.
އެމެރިކާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، އީރާނުގެ ސަރުކާރުގެ އިސްވެރިން ސިއްރިއްޔާތުގައި އެމެރިކާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އުޅަނދުތަކަށް ދިން ހަމަލާތަކަކީ "އޮޅުމަކުން" ދެވުނު ހަމަލާތަކެއް ކަމަށެވެ. އަދި އެއީ ސުލްހައިގެ އެއްބަސްވުން ހަލާކުކޮށްލަން އުޅޭ އީރާނުގެ ހަރުކަށި ފިކުރުގެ ވަކި ގްރޫޕެއްގެ އަމަލެއް ކަމަށް ވެސް އީރާނުގެ އިސްވެރިން ސިއްރު މަޝްވަރާތަކުގައި ބުނެފައިވެއެވެ.
ނަމަވެސް މިކަމާ ގުޅިގެން ފާޅުގައި އާންމުކޮށް ރައްދު ދެމުން އދ. ގައި ހުންނަވާ އީރާނުގެ ސަފީރު އާމިރު ސައީދު އިރަވާނީ ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅީގެ ހުރިހާ ބާރެއް އޮންނާނީ ހަމައެކަނި އީރާނަށް ކަމަށެވެ. އަދި ބޭރުގެ އެއްވެސް ގައުމަކުން އެ ސަރަހައްދަށް އަތްބޭނުމަކީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގައި ވިޔަފާރިކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި ކަނޑުއޮޅިން ކަމަށްވާއިރު، މި ހަމަލާތަކާ ގުޅިގެން ކަނޑުއޮޅިން ދަތުރުކުރާ އާންމު އުޅަނދުފަހަރުގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި ގަތަރާއި، އޮމާން އަދި ޕާކިސްތާނުން ދަނީ ދެގައުމުގެ ދެމެދުގައި މަސްލަހަތު ގާއިމްކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށް ބާރުއަޅަމުންނެވެ. އަދި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ މި މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އޮމާނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.