އުތީމަށް ވަށާޖެހޭ މަންފާ ހޯދައިދިނުމަށް މުއައްސަސާތަކާ ގުޅިގެން ޕްލޭންތަކެއް ތައްޔާރުކުރަނީ
ތާރީޚީގޮތުން ރާއްޖެއަށް މުހިންމު ތިލަދުންމަތީ އުތުރުބުރީ އުތީމަށް ފުޅާ ދާއިރާއެއްގައި ވަށާޖެހޭ ނަފާއާއި މަންފާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގުޅުންހުރި ވުޒާރާތަކާއި އިދާރާތަކާ ގުޅިގެން ޕްލޭންތަކެއް ތައްޔާރުކޮށް، ކައުންސިލާއެކު މަސައްކަތް ކުރުމަށް ރާވަމުންދާކަން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހާމަކުރައްވައިފިއެވެ.
ވަޒީރު ހީނާ ވަލީދު މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަސް ގައުމީ ފެންވަރެއްގައި އުތީމުގައި ފާހަގަކުރުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި ވަޒީރު ވަނީ އުތީމުގެ ތާރީޚީ އަދި ސަގާފީ އަގު ވަޒަންކޮށް، އެ ރަށުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ސީދާ މަންފާ ލިބޭނެ ގޮތްތައް ރޭވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އުތީމަށް އަންނަ މީހުންނާއި ފަތުރުވެރިން ބަލާލަން އޮންނަ ހަމައެކަނި ތަނަކީ އުތީމު ގަނޑުވަރު ކަމުގައިވީ ނަމަވެސް، މިހާރު އެރަށަށް ޒިޔާރާތްކުރާ މީހުންނަށް ބަލާލެވޭނެ އިތުރު ތަންތަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ބޮޑުތަކުރުފާނުގެ ހަދާނީ ދޮރާއްޓާއި، ކަނދުވަލު މިސްކިތާއި، ވާހަކަވައު އަދި އެސަރަހައްދުގައި ތަރައްޤީކުރެވޭ އެހެނިހެން މަޝްރޫޢުތައް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
Ads by BMLއުތީމު ގަނޑުވަރަށް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ތަންތަނުގެ ސަބަބުންނާއި ހިންގޭ މަޝްރޫޢުތަކުގެ ސަބަބުން އެ ސަރަހައްދުގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް އޭގެ މަންފާ ތަފާތު ގޮތްގޮތުން ފުޅާވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަރިކަތަކުން ނަފާވެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަތްތެރި މަސައްކަތްތަކާއި ގޭގައި ތިބެގެން ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބޭނެފަދަ ގޮތަކަށް، ވަށާޖެހޭ ނިޒާމެއްގެ ދަށުން މި މަސައްކަތްތައް ކުރިއަށްގެންދިއުމަށް މިހާރު ރޭވުންތައް ރޭވެމުންދާ ކަމަށްވެސް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
Ads by MACL
