2028ގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ސޯލިހު ފާޅުކުރައްވައިފި
އިދިކޮޅު އެމްޑީޕީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަން ބޮޑުވަމުންދާ ދަނޑިވަޅެއްގައި، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވަން ނިންމަވައިފިއެވެ.
އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި ރައީސް ސޯލިހު މި ނިންމެވުން ނިންމެވީ އެމްޑީޕީގެ އިސް ބޭފުޅުންނާއެކު ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައެވެ. އަދި މި ނިންމެވުމާއެކު، އެމަނިކުފާނަށް ތާއީދު ހޯއްދެވުމުގެ މަސައްކަތްތައް ސިއްރިއްޔާތުގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.
މީގެ ކުރިން މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ޕްރައިމަރީގައި ވާދަކުރެއްވުމާމެދު ސީދާ ޖަވާބެއް ދެއްވުމުން އެމަނިކުފާނު ވަނީ އަބަދުވެސް އުޒުރުވެރިވެވަޑައިގެންފައެވެ. އެގޮތުން ޕާޓީގެ މަސްލަހަތަށްޓަކައި އެ ވަގުތު ތަފްސީލު ހާމަކުރައްވަން ބޭނުންފުޅުނުވާ ކަމަށާއި، އެމަނިކުފާނުގެ ނިންމެވުން ޕާޓީގެ ލީޑާޝިޕަށް އެނގިވަޑައިގަންނަވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
Ads by BMLއެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން މީގެ ކުރިން ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެކޏެވެ. އެހެންކަމުން ރައީސް ސޯލިހުގެ މި ނިންމެވުމާއެކު، ކުރިއަށް އޮތް ޕްރައިމަރީ ވެގެންދާނީ ޕާޓީގެ އެތެރޭގައި ވަރުގަދަ ސިޔާސީ ކުރިމަތިލުމެއް ފެނިގެންދާނެ އިންތިޚާބަކަށެވެ.
Ads by MACL
