ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީގެ ޔޫތު ވިންގުގެ މެންބަރު ކަމަށް ޔައިޝް ކުރިމަތިލައިފި

ޕީއެންސީގެ ޔޫތު ވިންގުގެ މެންބަރު ކަމަށް ޔައިޝް ކުރިމަތިލައިފި

ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޔޫތު ވިންގުގެ މެންބަރު ކަމަށް އެ ޕާޓީގެ ޒުވާން މެންބަރު އަހްމަދު ޔައިޝް މުހައްމަދު ކުރިމަތިލައިފިއެވެ.

އޭނާ މި މަގާމަށް ކުރިމަތިލާން ނިންމީ ޒުވާނުންނަށް ސިޔާސީ ގޮތުން އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައެވެ. މިއީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ޔޫތު ވިންގުގެ މެންބަރެއްގެ ހައިސިއްޔަތުން ގެންދެވޭނެ އެންމެ މަތީ ފަރާތަކާ ހަމައަށް ފޯރުކޮށްދިނުމަށް ނިންމި ނިންމުމެކެވެ.

ޔައިޝް ބުނި ގޮތުގައި އޭނާ ގެންގުޅޭނީ ޔޫތު ވިންގުގެ އެކި ހަރަކާތްތަކުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ރޫހެކެވެ. ޒުވާނުންގެ އަޑު އުފުލައި، އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް ގާތުން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ޔައިޝް ސިޔާސީ މަސައްކަތުގެ ތެރެއަށް އެންމެ ފުރަތަމަ ނުކުތީ ދެހާސް ނަވާރަވަނަ އަހަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިންނެވެ. އެއަށްފަހު ދެހާސް ސައވީސްވަނަ އަހަރު އޭނާ ވަނީ ޕީއެންސީއަށް ސޮއިކޮށް، އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާން ފަށާފައެވެ.

އޭނާ ވަނީ ގަލޮޅު ދެކުނު ދާއިރާގެ ޕީއެންސީ ކެމްޕެއިން މެނޭޖަރުކަން ފާއިތުވި ތިން އިންތިޚާބުގައިވެސް އަދާކޮށްފައެވެ. ދެހާސް ތޭވީސްވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއް ޕީއެންސީއަށް ކާމިޔާބުކޮށްދިނުމުގައިވެސް އޭނާ މުހިންމު މަސައްކަތްތަކެއް ކުރިއެވެ.

މީގެއިތުރުން ޔައިޝް ވަނީ ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ޒުވާން ރައީސްކަން ޖެހިޖެހިގެން ދެ ދައުރުގައި ކޮށްފައެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަނީ މިނިސްޓްރީ އޮފް ފައިނޭންސްގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައެވެ.

ޔައިޝް ފާހަގަކުރި ގޮތުގައި އޭނާއަށް ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ މާލެ ސިޓީ ކައުންސިލުގެ ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު އިބްރާހީމް މުޙައްމަދު (އިބުޓީ)ގެ ފަރާތުންނެވެ. ޕީއެންސީގެ ޔޫތު ވިންގުގެ އިންތިޚާބީ އޮނިގަނޑުގައި ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން މެންބަރުން ހިމެނެއެވެ.