ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ސިއްރިއްޔާތުގައި ކުރިއަށްގެންދެވުމަށް ސޯލިހު ނިންމަވައިފި
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭން، އަރިސް ބޭފުޅުންނާ މަޝްވަރާކުރައްވައިގެން ސިއްރިއްޔާތުގައި ކުރިއަށްގެންދެވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
މި ނިންމެވުމާ ގުޅިގެން ސޯލިހު ވަނީ އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައި ސިޔާސީ މަޝްވަރާތައް ފައްޓަވައިފައެވެ.
ސޯލިހުގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ތިއްބެވީ ސޯލިހަށް ދޫދެއްވާ ގޮތަކަށް ނޫނެވެ.
Ads by BMLއެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ދެހާސް ތޭވީސް ވަނަ އަހަރާ ހަމައަށް ރައީސްކަން ކުރެއްވުމަށްފަހު، ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ސޯލިހު ޓިކެޓް ހޯއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި، ނަޝީދު ބަލިކުރެއްވުމަށްފަހުގައެވެ.
އެ ޕްރައިމަރީގެ ނަތީޖާއާ މެދު ސުވާލު އުފައްދަވައި، ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވައި ވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ. އަދި އެ ޕާޓީން ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަކީ ސޯލިހަށް ދެވަނަ ދައުރެއް ނުލިބުނު އެއް ސަބަބު ކަމަށް ބެލެވެއެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ސޯލިހު ނިންމެވިއިރު، ރައީސް ނަޝީދު މިހާރު ވިދާޅުވަމުން ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ނަޝީދު ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވާނެކަން ހާމަކުރައްވައިފައެވެ.
Ads by MACL
