ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ 116 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކައި އޮތް މައްސަލައެއް

ވެމްކޯގެ މުވައްޒަފަކު މާލޭގެ މަގަކުން ކުނި ނަގަނީ ---
ވެމްކޯގެ މުވައްޒަފަކު މާލޭގެ މަގަކުން ކުނި ނަގަނީ ---

މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ 116 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުން މާލޭ ސިޓީކައުންސިލުން އެކުންފުންޏަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތް މައްސަލައިގައި، އެ ކުންފުނީގެ މާލީ ހާލަތަށާއި ޚިދުމަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލަށް ބަލާއިރު، 2024 ވަނަ އަހަރުގެ ނިޔަލަށް ނުދައްކައި އޮތް ޖުމްލަ އަދަދު 116,421,129.97 (ސަތޭކަ ސޯޅަ މިލިއަން ހަތަރުސަތޭކަ އެކާވީސް ހާސް ސަތޭކަ އޮނަތިރީސް ރުފިޔާ ނުވަދިހަ ހަތް ލާރި) އަށް އަރައެވެ. މި އަދަދަކީ ކައުންސިލަށް ފޯރުކޮށްދީފައިވާ އެކި ބާވަތުގެ ޚިދުމަތްތަކަށް އަރާފައިވާ ފައިސާއާއި، އޭގެ ތެރެއަށް އިތުރުވި ޖޫރިމަނާގެ ފައިސާވެސް ހިމެނޭހެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަން ހިސާބުތަކުން ދައްކާ އަދަދެކެވެ.

މި މައްސަލައިގައި މާލެ ސިޓީ ކައުންސިލާއެކު އެކި ފަހަރު މަތިން މަޝްވަރާކޮށް، ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެދެވޭ އެދެވޭ ހައްލެއް ލިބިފައިނުވާތީ، ވެމްކޯއިން ވަނީ މިކަމުގައި ކަމާބެހޭ މުއައްސަސާތަކުގެ އެހީތެރިކަމަށްވެސް އެދިފައެވެ. އެގޮތުން، މި ފައިސާ ހޯދައިދިނުމުގައި މާލީ ވުޒާރާގެ އެހީތެރިކަމަށް އެދިފައިވާ އިރު، މި މައްސަލައިގެ ސަބަބުން ކުންފުނީގެ ދެމެހެއްޓެނެވި މާލީ ހިންގުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، މާލެ ސިޓީ ކައުންސިލުން ދައްކަންޖެހޭ ބޮޑެތި އަދަދުތަކުގެ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ ސަބަބުން، ކުންފުނީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރުމުގައިވެސް ނުހަނު ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. މިކަމާ ގުޅިގެން ޕެންޝަން އޮފީހާއެކު މަޝްވަރާތައް ކުރިއަށްގެންދާއިރު، ވެމްކޯއިން އަންނަނީ ކުންފުނީގެ އަމިއްލަ އާމްދަނީއާއި ސަރުކާރުން ދޭ ސަބްސިޑީ ބޭނުންކޮށްގެން މުވައްޒަފުންގެ މުސާރަ ގަވާއިދުން ދެމުންނެވެ.

މާލެ ސިޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށްޓަކައި، ކައުންސިލްގެ ބަޖެޓުގެ ތެރެއިން ވެމްކޯއަށް ދައްކަންޖެހޭ ހިސާބުތައް ނިންމައި ފައިސާ ޚަލާޞްކުރުމަކީ، މުޅި ސިޓީގެ ސާފުތާހިރުކަމާއި ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ވެމްކޯގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ދެ މުއައްސަސާގެ ދެމެދުގައި ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވާއިރު، މާލެ ސިޓީގެ މޭޔަރު އާދަމް އަޒީމް ވަނީ ވެމްކޯއިން ނަގާފީތައް ބޮޑުކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މާލޭގެ މަގުތަކާއި މިސްކިތްތަކާއި ކައުންސިލްގެ އިމާރާތްތަކުން ކުނި އުކާލުމަށް ވެމްކޯއިން ބޮޑެތި އަގުތަކެއް ނަގަމުންދާ ކަމަށާއި، އާންމު ވިޔަފާރިތަކަށްވުރެ މާ ބޮޑު އަގެއް ކައުންސިލުން އަތުން ނަގަމުންދާ ކަމަށް ވިދާޅުވެ، މި މައްސަލަ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އަށް ހުށަހެޅުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.


ނަމަވެސް، ވެމްކޯއިން ހާމަކުރާ ގޮތުގައި ކައުންސިލަށް ދެމުންދާ ޚިދުމަތްތަކަކީ އެއްބަސްވުންތަކާ އެއްގޮތަށް ފޯރުކޮށްދޭ ޚިދުމަތްތަކެއް ކަމަށާއި، ކައުންސިލުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ކުންފުނީގެ މާލީ ނިޒާމަށް ނުހަނު ބޮޑަށް އަސަރުކުރެއެވެ.


މާލޭ ސިޓީގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އާންމުން ފާހަގަކުރަމުންދާއިރު، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މާލީ ވުޒާރާއާއި ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.