އިބޫގެ ރިޔާސީ އުންމީދުތަކަށް ނަޝީދުގެ ވަރުގަދަ ރައްދެއް: "އެއީ ހަމައެކަނި ނަނާ ހުވަފެނެއް"
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނިންމެވުމާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ވަރުގަދަ ރައްދެއް ދެއްވައި ފާޑުވިދާޅުވެއްޖެއެވެ.
އިބޫގެ އަރިސް ޓީމަކާއެކު ބޭއްވި ބައްދަލުވުމެއްގައި ޕްރައިމަރީގައި ވާދަކުރައްވާނެކަން ކަށަވަރުވެފައިވާއިރު، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަރުހޫމް ހުސައިން ސަލާހުއްދީން ހައްދަވާފައިވާ މަޝްހޫރު "ނަނާ ހުވަފެން ދުށީމޭ" ޅެން ހިއްސާކުރައްވާފައެވެ. މި ޅެމުގެ ބައިތުތައް ބޭނުންކުރައްވައިގެން އިޝާރާތް ކުރެއްވީ އިބޫ އަލުން ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ އުންމީދަކީ ހަގީގަތަކަށް ނުވާނެ ޚިޔާލީ އުންމީދެއް ނުވަތަ "ނަނާ ހުވަފެނެއް" ކަމަށެވެ.
ނައިފަރު ދޮހޮއްކޮގެ އަޑުން މަޝްހޫރުވެފައިވާ މި ޅެމުގެ ތެރެއިން "ނަނާ ހުވަފެން ދުށީމޭ ދަރާ ވާ ހިނދު ދުނިޔެއިން" އަދި "ބަޚުތު ޖަމާލު ހެދި ފަދަ ތަޚުތެއް މަތީގާ ނިދީތީއޭ" ފަދަ ބައިތުތައް ނަޝީދު ހިއްސާކުރެއްވުމުން، ދެ ބޭފުޅުންގެ ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސްކަން އިތުރަށް ހާމަވެގެންގޮސްފައިވެއެވެ.
Ads by BMLއިބޫ އަލުން ރިޔާސީ ރޭހަށް ނުކުންނެވުމަށް ތައްޔާރުވަމުންދާއިރު، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ތާއީދުކުރައްވާނީ ފައްޔާޒް އިސްމާއީލަށް ކަންވެސް އެމަނިކުފާނު ވަނީ ކުރިން އިއުލާންކުރައްވާފައެވެ.
Ads by MACL
