ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީން ރޭވި މުޒާހަރާއަށް” ދަތިވެއްޖެ ” ކިޔުމުން ފާޑު ކިޔަނީ!

އެމްޑީޕީން ރޭވި މުޒާހަރާއަށް“ ދަތިވެއްޖެ “ ކިޔުމުން ފާޑު ކިޔަނީ!

އިދިކޮޅު އެމްޑީޕީން "ދަތިވެއްޖެ" މިއުސޫލުން ޝިއާރު ކަނޑައަޅައިގެން ބާއްވަން ރޭވި މުޒާހަރާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެ ޕާޓީއަށް އަމާޒުވެއްޖެއެވެ.

އެމްޑީޕީން އިސްނަގައިގެން ބާއްވާ މި މުޒާހަރާ ފުރަތަމަ ބޭއްވުމަށް ނިންމީ އޮގަސްޓް 12 ވަނަ ދުވަހުއެވެ. ނަމަވެސް، ފަހުން މި ހަރަކާތް ވަނީ 13 އޮގަސްޓް 2026 (ބުރާސްފަތި ދުވަހުގެ) ރޭ 8:30 އަށް ބަދަލުކޮށްފައެވެ. އެމްޑީޕީން ބޭނުންވީ މާލޭގެ އެންމެ ކާރޫބާރު ބޮޑު މަޖީދީމަގުގައި މި މުޒާހަރާ ކުރިއަށް ގެންދިއުމަށެވެ.

އެމްޑީޕީން ބުނާ ގޮތުގައި މި މުޒާހަރާ ބާއްވަނީ ރާއްޖޭގެ އިގްތިޞާދީ އަދި މާލީ ހާލަތު ދަށަށް ގޮސް، ޑޮލަރުގެ އަގު ބޮޑުވުމާއި، ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތަކަށް އަޑުއުފުލުމަށެވެ. އަދި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން އާންމުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލުމުގެ ގޮތުންނެވެ.

ނަމަވެސް، މުޒާހަރާ ރޭވި ގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މަޖީދީމަގަކީ ކާރޫބާރު ބޮޑު މަގެއް ކަމަށްވާތީ، އެ މަގުގައި މުޒާހަރާކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ. ފުލުހުން މި ހަރަކާތް ބޭއްވުމަށް ހުއްދަ ދިނީ ބޭރުމަގުން އާޓިފިޝަލް ބީޗުން ފެށިގެން ކަޅުތުއްކަލާ ކޮށި ހިމެނޭ ސަރަހައްދަށެވެ. އެހެންނަމަވެސް، މުޒާހަރާ ރޭވުމުގައި އިސްކޮށް އުޅުއްވާ އަމީން ފައިސަލް ވިދާޅުވީ އިތުރު މަގެއް ނެތް ކަމަށާއި، ހަމަ ދާނީ މަޖީދީމަގުން ކަމަށެވެ.

މި މުޒާހަރާއަށް "ދަތިވެއްޖެ" ކިޔުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންނާއި ޢާއްމުން ސޯޝަލް މީޑިއާގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ސަރުކާރު ސަޕޯޓަރުން ބުނަމުންދަނީ ވެރިކަން ގެއްލުމުން އެމްޑީޕީއަށް "ވެރިކަން ބޭނުންވެގެން ދަތިވީ" ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ހިނގާދިޔަ ކަންކަމަށް އިޝާރާތްކޮށް "ވައްކަން ކުރަން ދަތިވީ" ނުވަތަ "ގައުމު ލޫޓުވާނުލެވިގެން ހިތް ދަތިވީ" ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މީގެ އިތުރުން، އިގްތިޞާދީ ވަޒީރު މުހައްމަދު ސައީދު ވަނީ އިގްތިޞާދީ ހާލަތާ ގުޅޭގޮތުން ރައްދު ދެއްވައި، ފައިސާ ޗާޕުކޮށްގެން ދިވެހި ރުފިޔާގެ އަގު ވައްޓާލީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް ވިދާޅުވެފައެވެ.