ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފިނި ތަރުހީބެއް: 'ހީކުރިވަރާ ގާތަކަށްވެސް މީހުން ނުނިކުތް'!

މިރޭ ބޭއްވި އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ --- ފޮޓޯ: ދިޔަރެސް
މިރޭ ބޭއްވި އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ --- ފޮޓޯ: ދިޔަރެސް

އިދިކޮޅު މައި ޕާޓީ އެމްޑީޕީން، މާލީ އަދި އިގްތިސާދީ ހާލަތާ ގުޅުވައިގެން އިންތިޒާމުކޮށްގެން ބޭއްވުމަށް ނިންމި "ދަތިވެއްޖެ" މުޒާހަރާ ފެށިގެން ދިޔައިރު، ހީކުރިވަރާ ގާތަށްވެސް މީހުން ނުނިކުމެ، އިހުތިޖާޖަށް ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ.

އެމްޑީޕީގެ "ރަންރީނދޫ ލަޝްކަރު" މަގުމައްޗަށް ނުކުންނާނެ ކަމަށް ބުނެ ގިނަ ދުވަސްތަކެއް ވަންދެން ބެނާ ދަމައި ބޮޑުއިޝްތިހާރެއް ކުރި ނަމަވެސް، މުޒާހަރާ ފެށުނުއިރު އެ ސަރަހައްދަށް އެއްވީ އާދަޔާ ހިލާފަށް މަދު މީހުންކޮޅެކެވެ. އެއްވި މީހުންގެ ތެރޭގައިވެސް ގިނައީ ޕާޓީގެ އިސް ސަފުގެ ލީޑަރުންނާއި އެކްޓިވިސްޓުން އެކަނި ކަމަށްވާއިރު، އާންމު ރައްޔިތުންގެ ބައިވެރިވުން ވަރަށް ކުޑައެވެ. ޕާޓީގެ ގައުމީ މަޖިލީހުން ބޮޑު އިހުތިޖާޖެއްގެ ގޮތުގައި ފާސްކޮށްގެން ކުރިއަށްގެންދިޔަ މި އެއްވުން މުޅިންވެސް ފެނުނީ ފިނިކޮށެވެ.

މި މުޒާހަރާ ފުރަތަމަ އޮގަސްޓް 12 އަށް ރޭވުމަށްފަހު، އެކި ސަބަބުތަކާހުރެ އޮގަސްޓް 13 ގެ ރެއަށް މުޒާހަރާ ފަސްކުރަން ޖެހުމަކީވެސް މީހުން ނުނިކުތުމަށް މެދުވެރިވި ސަބަބެއްގެ ގޮތުގައި ފާހަގަކުރެެވެއެވެ. މި ބަދަލާއެކު ބައިވެރިންގެ ފޯރި ވަނީ ކެނޑިފައެވެ.

މަޖީދީމަގުގައި ވަރުގަދަ އަޑުއުފުލުމެއް ބާއްވަން އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވި ނަމަވެސް، މަޖީދީމަގަކީ ކާރޫބާރު ބޮޑު މަގަކަށްވާތީ އެ މަގުގައި މުޒާހަރާކުރުމުގެ ހުއްދަ ފުލުހުން ދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފުލުހުން ބޭރުމަގުން އާޓިފިޝަލް ބީޗުން ފެށިގެން ކަޅުތުއްކަލާ ކޮށި ހިމެނޭ ސަރަހައްދުގައި އިހުތިޖާޖުކުރުމަށް ހުއްދަ ދިން ނަމަވެސް، ފުލުހުންގެ ބެރިކޭޑްތަކާ ހިސާބުން ކުރިއަށް ނުދެވި، މުޒާހަރާގެ ފޯރި ވަނީ މުޅިން ކެނޑިގެން ގޮސްފައެވެ.

މި އިހުތިޖާޖުގެ ނާކާމިޔާބީއާއެކު، ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ މިއީ އެމްޑީޕީއަށް މާލޭގައި ކުރީގައި އޮތް "މަގުމަތީގެ ބާރު" ކެނޑި، ރައްޔިތުންގެ މެދުގައި އޮތް ތަރުހީބު ގެއްލިފައިވާކަން ހާމަވާ އަލިގަދަ ހެކިތަކެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުން ބުނަމުންދަނީ ތަކެތީގެ އަގު ބޮޑުވީ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ކަމަށާއި، އެހެންކަމުން މިފަދަ މުޒާހަރާއަކަށް ނުކުންނަން ބޭނުންނުވީ ކަމަށެވެ. އަދި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންނާއި އިކޮނޮމިކް މިނިސްޓަރު ވެސް ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަނީ އެމްޑީޕީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް ބުނެ ރައްދު ދެއްވާފައެވެ.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ރައްޔިތުންނަށް ދަތިވެގެންނެއް ނޫނެވެ، އެމްޑީޕީއަށް ވެރިކަން ނުލިބިގެން "ދަތިވެގެން" އުޅޭ އުޅުން ރައްޔިތުން ބަލައެއް ނުގަތެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޕާޓީގެ އިސް ބޭފުޅުން ސޯޝަލް މީޑިއާގައި ކިތަންމެ ވަރަކަށް ގޮވާލެއްވި ނަމަވެސް، ޕާޓީގެ އެތެރޭގެ ބައިބައިވުންތަކާ ހުރެ، މަގުމައްޗަށް މީހުން ނެރުމުގައި އެމްޑީޕީ މިފަހަރު ވަނީ މުޅިން ނާކާމިޔާބުވެފައެވެ.