ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމީ ދުވަހުގެ ޢަޒުމަކަށްވާންޖެހެނީ ބޭރުގެ ނުފޫޒުތަކުން ރާއްޖެ ސަލާމަތްކުރުން: ރައީސް

ޤައުމީ ދުވަހުގެ ޢަޒުމަކަށްވާންޖެހެނީ ބޭރުގެ ނުފޫޒުތަކުން ރާއްޖެ ސަލާމަތްކުރުން: ރައީސް

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ނުދިނުމަށް މިއަދު އަޒުމު އާކުރަންޖެހޭ ކަމަށް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ދުވަހުގެ އުޖާލާކަން ފެނިގެންދަނީ މީގެ 467 އަހަރު ކުރިން އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ތާރީޚީ ޖިހާދުގެ ހަނދާންތައް އައުކޮށްދެމުންނެވެ.

މާޒީގެ ތަޖުރިބާތަކުން ލިބޭ ފިލާވަޅުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ބޭރުގެ ނުފޫޒުތައް ވެރިވެ، ނިކަމެތިކަން ލިބިފައިވަނީ އަނިޔާވެރިންގެ ސަބަބުން އެކަނި ނޫން ކަމަށާއި، އޭގެ ފަހަތުގައި އަމިއްލަ އެދުން ބޮޑު ބައެއްގެ ޚިޔާނާތް އޮންނަ ކަމަށެވެ. އެހެންކަމުން އެފަދަ ހިތި ތަޖުރިބާތައް ތަކުރާރުވިޔަ ނުދިނުމަށް، ދިވެހިން އެކަތިގަނޑަކަށްވެ މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ސިޔާދަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ގޮވާލައްވަމުން، ޤައުމަށް ގެއްލުންދެނިވި ފިތުނަފަސާދަތަކުން ސަލާމަތްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެ ދިވެހި ދަރިއެއްގެ ހިތުގައި ޤައުމިއްޔަތުގެ ރޫޙު އާލާކޮށް، އަބަދުވެސް "އެންމެ ފުރަތަމަ ޤައުމު" އިސްކުރުމުގެ މުހިންމުކަން ރައީސް ތަކުރާރުކުރެއްވިއެވެ.