ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަށްރަށުގެ ކަރަންޓުގެ ޑިމާންޑް ފުއްދުމަށް ފެނަކައިން 70 އަށްވުރެ ގިނަ އައު ޖަނަރޭޓަރު ޚިދުމަތަށް ނެރެނީ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފު ޙުސައިން ---
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފު ޙުސައިން ---

ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓުގެ ޑިމާންޑް ބޮޑުވަމުންދާ މިންވަރަށް ބަލައި، މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުޅިން އަލަށް 70 އަށްވުރެ ގިނަ ޖަނަރޭޓަރު ސެޓު ރާއްޖެ ގެނެސް، އޭގެ ތެރެއިން ގިނަ ޖަނަރޭޓަރުތަކެއް މިހާރު ޚިދުމަތަށް ނެރެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފު ޙުސައިން ވިދާޅުވީ، ރަށްރަށުގެ އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ފެށި މި މަޝްރޫޢުގެ ދަށުން ގެނައި ޖަނަރޭޓަރުތަކުގެ ބޮޑު ބައެއް މިހާރު ވަނީ އެކި ރަށްރަށުގައި ކާމިޔާބުކަމާއެކު އިންސްޓޯލްކޮށް ޚިދުމަތް ދޭން ފަށާފައެވެ. މީގެ ތެރޭގައި ދާދި ފަހުން 21 އައު ޖަނަރޭޓަރު ސެޓަކާއެކު އައްޑޫ ސިޓީ ފަދަ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނެއެވެ. އަދި ބާކީ ހުރި ޖެންސެޓުތައް ވެސް ވީ އެންމެ އަވަހަކަށް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ހުއްޓުމެއްނެތި ބާރު ދުވެލީގައި ކުރިއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފިޔަވަޅަކީ ރަށްރަށުގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވަމުންދާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ނިމުމެއް ގެނައުމަށާއި، ކުންފުނީގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް 24 ގަޑިއިރު މެދުނުކެނޑި އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ހިންގާ ވަރަށް މުހިންމު މަސައްކަތެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ. ޚާއްޞަކޮށް، ހޫނު މޫސުމާއި ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، މި އައު ޖަނަރޭޓަރުތަކުގެ ސަބަބުން ރަށްރަށުގެ ލޯޑު ހިފެހެއްޓުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް ފެނަކައިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ފެނަކައިން ބުނެފައިވަނީ، އައު މެނޭޖްމަންޓާއެކު ކުންފުނީގެ މިސްރާބު މިހާރު ހުރީ ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މި ގެނެވުނު 70 އަށްވުރެ ގިނަ ޖަނަރޭޓަރުގެ ސަބަބުން ކުންފުނީގެ ޚިދުމަތް އިތުރު ހަރުފަތަކަށް ގޮސް، ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާ ކުރާނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ދެއެވެ.