ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްވެރިންގެ ޕާކު ސަރަހައްދުގެ ޕަންޕު ސްޓޭޝަން ހިންގަން ފަށައިފި

މަސްވެރިންގެ ޕާކު ސަރަހައްދުގެ ޕަންޕު ސްޓޭޝަން ހިންގަން ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މާލޭގެ މަސްވެރިންގެ ޕާކު ސަރަހައްދުގައި ގާއިމުކޮށްފައިވާ ޕަންޕު ސްޓޭޝަން 2 އިއްޔެ ކާމިޔާބުކަމާއެކު ބޭނުންކުރަން ފަށައިފިއެވެ.

މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ދެން އެންމެ އަވަހަށް ހިންގަން ފަށާނީ އެމްއެމްއޭ ކައިރީގައި ގާއިމުކޮށްފައިވާ ޕަންޕު ސްޓޭޝަން 1 އެވެ. އެގޮތުން އެ ޕަންޕު ސްޓޭޝަން ހިންގުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި ޕަންޕު ސްޓޭޝަންތަކަކީ މޫސުން ގޯސްވެ ވާރޭވެހޭއިރު ބޮޑުތަކުރުފާނު މަގުގައި ދިމާވާ ފެންބޮޑުވުމުގެ ދިގުލައިގެން ގޮސްފައިވާ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދައިދިނުމުގެ ގޮތުން ތަރައްގީކުރަމުން އަންނަ ވަސީލަތްތަކެކެވެ.

މި ނިޒާމުތަކުގެ ސަބަބުން ސަރަހައްދުގެ ފެންބޭރުކުރުމުގެ ނިޒާމު ހަރުދަނާވެ، އާންމުންނާއި ދަތުރުވެރިންނަށް ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ ތަރައްގީއަށް މުހިންމު އެކި މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.

އެ ކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަ، ޒަމާނީ އަދި ފެންވަރު ރަނގަޅު އުމްރާނީ ވަސީލަތްތަކެއް ފޯރުކޮށްދިނުމެވެ.