ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވެމްކޯގެ ޚިދުމަތް ރަށްރަށަށް ފުޅާކުރުމަށް ބޭނުންވާ އުޅަނދުތައް އެކުންފުންޏާ ހަވާލުކޮށްފި

ވެމްކޯގެ ޚިދުމަތް ރަށްރަށަށް ފުޅާކުރުމަށް ބޭނުންވާ އުޅަނދުތައް އެކުންފުންޏާ ހަވާލުކޮށްފި

އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށާއި އާބަން ސެންޓަރުތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ އުޅަނދުތައް ހޯދައި، އެ ތަކެތި ތިމާވެށްޓާ ބެހޭ ވުޒާރާއިން އެ ކުންފުންޏާ ހަވާލުކޮށްފިއެވެ.

މި މަސައްކަތަކީ ރާއްޖޭގެ ރަށްރަށުގައި ބޮޑުވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެގޮތުން އެކަމަށް ބޭނުންވާ އުޅަނދުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލިޓަސް އޮޓޯ މޮބައިލްއާއެވެ.

އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާއި އާބަން ސެންޓަރުތަކުގައި މިހާރު ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދެމުންދަނީ އެ ރަށްރަށުގެ ކައުންސިލްތަކުންނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ރަށްރަށުގައި ވެމްކޯއިން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާއިރު، މި ހަވާލުކުރެވުނު އުޅަނދުތަކަކީ އެ މަސައްކަތް ފެށުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކެކެވެ.

މި ފަހަރު ހަވާލުކުރި އުޅަނދުތަކުގެ ތެރޭގައި 10 ރަށުޕިކަޕާއި 350 ކިލޯގެ ބަރުދަން އުފުލޭ 12 ޕިކަޕް ހިމެނެއެވެ. މީގެއިތުރުން މި މަހުގެ ތެރޭގައިވެސް އިތުރު އުޅަނދުތައް ރާއްޖެއަށް ގެނެސް ވެމްކޯއާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅުތަކުގައި ވެމްކޯގެ ޚިދުމަތް އެއްކޮށް ފުޅާކޮށް ނިންމާލުމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން އަމާޒުހިފާފައިވަނީ ކުރިއަށް އޮތް އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ނިޔަލަށެވެ. މީގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ 129 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް އެ މުއްދަތަށް ނިންމުމަށް ވަނީ ރޭވިފައެވެ.