ރާއްޖޭގެ 100 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތްތައް ދެ އަހަރުތެރޭ ނިންމަނީ
ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ބޮޑު މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 100 ވަރަކަށް ރަށެއްގެ ކައުންސިލް އިދާރާގެ އައު އިމާރާތްތައް ބިނާކޮށް، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
ރައީސް އޮފީހުން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް" ގެ ހަވަނަ އެޕިސޯޑުގައި ޤައުމުގެ ޢުމްރާނީ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގިނަ ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ވަރަށް ނިކަމެތި، އަދި ބޮލަށް ވެއްޓޭ ހާލަތުގައި ކަމަށެވެ. އަދި އެއީ އިންސާނުން ބޭނުންކުރަން އެކަށީގެންވާ ތަންތަން ނޫންކަމަށް ފާހަގަކުރައްވައި، މުވައްޒަފުންނަށް ރައްކާތެރި އަދި ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.
މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދެއްވުމުގެ ގޮތުން ފެށްޓެވި މަޝްރޫޢުގެ ދަށުން މިހާރުވެސް 55 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން ބައެއް އިމާރާތްތަކުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާއިރު، އަންނަ އަހަރުގެ މެދުތެރެއަށް މި 55 ރަށުގެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
Ads by BMLމީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިތުރު 50 ރަށެއްގައި ކައުންސިލް އިދާރާ އެޅުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢު ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުންދާކަމަށާއި، މި އިމާރާތްތައްވެސް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ބިނާކޮށް ނިމޭނެކަމަށް ވިދާޅުވިއެވެ.
އަލަށް ތަރައްޤީކުރެވޭ މި ކައުންސިލް އިމާރާތްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ގިނަ ވަސީލަތްތަކެއް ހިމެނޭނެހެން ފަރުމާކުރެވިފައިވާ ތަންތަނެވެ. އެގޮތުން ކޮންމެ އިމާރާތެއްގައިމެ 40 މުވައްޒަފުންނަށް ފަސޭހަކަމާއެކު މަސައްކަތްކުރެވޭނެ ޖާގައާއި، ރައްޔިތުންނާ ބައްދަލުކުރުމަށް ޚާއްސަ ހޯލެއްގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ޚާއްސަ ބައެއް ހުންނާނެއެވެ. އަދި ހަމައެހެންމެ، ރައްޔިތުންނަށް ފަސޭހައިން ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދޭނެ އިންތިޒާމުވެސް މި އިމާރާތްތަކުގައި ޤާއިމުކުރެވިގެންދާނެއެވެ.
ދިވެހިރާއްޖޭގައި ލާމަރުކަޒީ ޤާނޫނަށް ޢަމަލުކުރަން ފަށައި، ރަށްރަށުގެ އިދާރީ ހިންގުން ކައުންސިލްތަކާ ހަވާލުކުރެވުނު ފަހުން 14 ވަރަކަށް އަހަރު ވެފައިވާއިރު، ޢުމްރާނީ ގޮތުން ކައުންސިލްތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. ގިނަ ރަށްރަށުގެ އޮފީސްތަކަކީ މީގެ އެތައް އަހަރެއް ކުރިން ކުރީގެ ކަތީބުންގެ އޮފީސްތަކުގެ ގޮތުގައި ބިނާކޮށްފައިވާ ބާ އިމާރާތްތަކަށް ވުމާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތަކާއެކު ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެކަށީގެންވާ ޖާގައެއް ގިނަ ރަށްރަށުގައި މިހާތަނަށް ނެތެވެ. އެހެންކަމުން ސަރުކާރުގެ މި އައު މަޝްރޫޢަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނުވައި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަވަސްކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.
Ads by MACL
