ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެލޭޝިއާގެ ރާޔާ އެއާވޭސް އިން ރާއްޖެއަށް ކާގޯ ދަތުރުތައް ފަށައިފި

މެލޭޝިއާގެ ރާޔާ އެއާވޭސް އިން ރާއްޖެއަށް ކާގޯ ދަތުރުތައް ފަށައިފި

ރާއްޖެއަށް މުދާ އެތުކުރާ މިންވަރު އިތުރުކޮށް، ލޮޖިސްޓިކްސްގެ ދާއިރާ ފުޅާކުރުމަށްޓަކައި މެލޭޝިއާގެ ޚާއްސަ ކާގޯ އެއާލައިނެއް ކަމަށްވާ ރާޔާ އެއާވޭސްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ސީދާ ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.

މި އާ ޚިދުމަތުގެ ދަށުން ދަތުރުތައް ބާއްވަމުންދާނީ މެލޭޝިއާގެ ޕެނޭންގް އާއި ރާއްޖޭގެ ވެރިރަށް މާލެއާ ދެމެދު ކަމަށާއި، މިގޮތުން ހަފުތާއަކު ދެ ދުވަހު މި ދަތުރުތައް ކުރިއަށްދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފައިވެއެވެ.

މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 767-200 މަރުކާގެ ބޯޓުތައް ކަމަށްވެފައި، ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ މުދާ އުފުލޭނެ ކަމަށް ވަނީ މައުލޫމާތުދީފައެވެ.

މި ފެށުނު ދަތުރުތަކަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުންޏެއް ކަމަށްވާ "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ކުރިއަށްގެންދާ ދަތުރުތަކެއް ކަމަށްވާއިރު، މިއީ މެލޭޝިއާއިން ރާއްޖެއަށް ތާވަލުކޮށްގެން ފެށި ފުރަތަމަ ކާގޯ ޚިދުމަތެވެ.

މި ދަތުރުތަކުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދާއި ރާއްޖެއާ ދެމެދު ގަވާއިދުން މުދާ އުފުލުމުގެ މަގުފަހިވެގެންދާނެއެވެ. އަދި އުފުލާ މުދަލުގެ 80 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ އަދަދަކީ ޓްރާންސްޝިޕްމަންޓް ކާގޯ ކަމަށްވާތީ، މިއީ ވީއައިއޭ ސަރަހައްދީ ޓްރާންސްޝިޕްމަންޓް ގޭޓްވޭއެއްގެ ގޮތުގައި ތަރައްގީކުރުމަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ވެލާނާ އެއާޕޯޓަކީ މިފަދަ ޝެޑިއުލް ކާގޯ ދަތުރުތައް ކުރާ މަރުކަޒަކަށްވަމުންދާއިރު، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 390 ކާގޯ ދަތުރު މެދުވެރިކޮށް 3,228 ޓަނުގެ މުދާ ވަނީ ހެންޑް ކޮށްފައެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 518 ކާގޯ ދަތުރުކޮށް 4,300 ޓަނަށްވުރެ ގިނަ މުދާ ވަނީ ވީއައިއޭ މެދުވެރިކޮށް އުފުލާފައެވެ. މިހާރުވެސް މި އެއާޕޯޓު މެދުވެރިކޮށް އިންޑިއާ، ސްރީލަންކާ، ތައިލެންޑް، ޔޫއޭއީ އަދި ވިއެޓްނާމް ފަދަ މުހިންމު މަންޒިލްތަކަށް ކާގޯ ދަތުރުތައް ކުރެވެމުންދެއެވެ.