ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލެ އާއި ވިލިމާލެއާއި ދެމެދު އޭރު ތަނބެއް ނުޖެހޭ، މިސަރުކާރުން ތިލަމާލެ ބްރިޖް ފަށަން ޖެހުނީ ސުމަކުން: ރައީސް

މާލެ އާއި ވިލިމާލެއާއި ދެމެދު އަޅަމުންދާ ބްރިޖް ---
މާލެ އާއި ވިލިމާލެއާއި ދެމެދު އަޅަމުންދާ ބްރިޖް ---

މިސަރުކާރުން ވެރިކަމަށް ހަވާލުވިއިރު، މާލެ އާއި ވިލިމާލެއާއި ދެމެދު އެއްވެސް ތަނބެއް ނުޖެހޭ ކަމަށާއި، މިސަރުކާރުން ތިލަމާލެ ބްރިޖް ފަށަން ޖެހުނީ ސުމަކުން ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މާލެއާއި ވިލިމާލެއާ ދެމެދު އެއްވެސް ތަނބެއް ޖެހުން ފަދަ އަމަލީ ބޮޑު މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށްގެންދާ ތިލަމާލެ ބްރިޖުގެ މަސައްކަތް މި ސަރުކާރަށް އަލުން ފަށަން ޖެހުނީ ސުމަކުން ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކުރީ ސަރުކާރުން ފަށާފައިވާ މި މަޝްރޫއުގެ މަސައްކަތް ސުމަކުން ފަށަން ޖެހުނު ނަމަވެސް، މާ ލަސްތަކެއް ނުވެ ބްރިޖުގެ މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން 2022 ވަނަ އަހަރު ފެށި މި މަޝްރޫއަކީ މާލެ ސަރަހައްދުގައި މިވަގުތު ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަސައްކަތެވެ. ރައީސް ވިދާޅުވީ އިންޑިއާ ސަރުކާރާއެކު އޮތް ގާތް ގުޅުމުގެ ތެރެއިން ދެ ސަރުކާރު ގުޅިގެން މިހާރު މަސައްކަތްތައް އަވަސްކުރެވިފައިވާ ކަމަށެވެ.

މިހާރު މާލެއާއި ވިލިމާލެއާ ދެމެދު އޮތް ބައި ގާތްގަނޑަކަށް ގުޅުވާލެވިފައިވާއިރު، ވިލިމާލެއިން ގުޅީފަޅަށް އަދި ގުޅީފަޅުން ތިލަފުއްޓަށް ގުޅާލުމުގެ މަސައްކަތްވެސް އަންނަނީ ހަލުވިކަމާއެކު ކުރިއަށްދަމުންނެވެ. ހައުސިން މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 6.7 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ކަނެކްޓިވިޓީ މަޝްރޫއުގެ %74.90 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މިވަގުތު އެންމެ ބާރަށް ކުރިއަށްދަނީ ބްރިޖުގެ ތަނބުތައް ގުޅާލުމަށް ބޭނުންވާ ޑެކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. އެގޮތުން ބޭނުންވާ ޖުމްލަ 1222 ސެގްމަންޓުގެ ތެރެއިން %90.4 ސެގްމަންޓް ކާސްޓުކޮށް ނިމިފައިވާއިރު، އޭގެ %72.9 މިހާރު ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ. ބްރިޖުގެ މެދުން ގުޅޭ ސެގްމަންޓް ޑެކްގެ މަސައްކަތް ފިޔަވައި، އެހެން ހުރިހާ ބައެއްގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުން ގުޅީފަޅާއި ތިލަފުށީގައި ބްރިޖާ ގުޅޭ މަގުތައް ހެދުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

އެކި ސަބަބުތަކާ ހުރެ މަޝްރޫއު ލަސްވި ނަމަވެސް، ސަރުކާރުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް އަހަރުގެ ނިޔަލަށް މުޅި މަޝްރޫއު އެއްކޮށް ނިންމާލުމެވެ. މި ބިޔަ މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މުޅި މި މަޝްރޫއަށް ޖުމުލަ 500 މިލިއަން ޑޮލަރު (7 ބިލިއަނަށްވުރެ ގިނަ ރުފިޔާ) ޚަރަދުވާނެކަމަށް ވަނީ އަންދާޒާކުރެވިފައެވެ. ބްރިޖު މަޝްރޫއު ނިމޭނެ ސީދާ ތާރީޚާއި އިތުރު ތަފްސީލުތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކުރިއަށް އޮތް ތަނުގައި ހާމަކުރަމުންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.