ގެއްލުނު ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ މިނިސްޓަރާއި ސީޕީ ބައްދަލުކުރައްވައިފި
މިދިޔަ ހަފްތާގައި ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއްގައި އަޑިއަށް ދިޔަ "ފްރެންޑް 4" ދޯނިން ދަތުރުކުރަނިކޮށް ގެއްލުނު ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ ބައްދަލުކުރައްވައި، ދައުލަތުގެ އިސް ބޭފުޅުން އެ އާއިލާއަށް ހިތްވަރާއި ތަސައްލީ ދެއްވައިފިއެވެ.
މިމަހުގެ 12 ވަނަ ދުވަހު ސާޖަންޓް ނާފިޢުގެ އާއިލާ ދިރިއުޅޭ ގެއަށް ކުރެއްވި މި ޒިޔާރަތުގައި އިސްކޮށް ތިއްބެވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ބޭފުޅުންގެ އިތުރުން ފުލުހުންގެ މަތީ ފަންތީގެ އެހެނިހެން އޮފިސަރުންވެސް ބައިވެރިވެވަޑައިގެން، ނާފިޢުގެ އަނބިކަނބަލުންނާއި ދަރިފުޅު އަދި އާއިލާގެ އެހެން މެމްބަރުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ އިހުސާސްތައް އަޑުއައްސަވައި ހިތްވަރު ދެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އިޙްސާން ވަނީ، މި ހާދިސާގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ހިއްސާކުރައްވާފައިވާކަން އާއިލާއަށް އަންގަވާފައެވެ. އަދި އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ރައީސް ދުއާކުރައްވާ ކަމަށާއި، ގެއްލުނު ފަރާތްތައް ހޯދުމަށް ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާކަމުގެ ޔަގީންކަން އެރުވިއެވެ.
Ads by BMLމީހުން ހޯދުމުގެ މަސައްކަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދުގެ ފުންމިނެވެ. އެ ސަރަހައްދަކީ 1650 މީޓަރަށް ވުރެ ފުން ހިސާބަކަށް ވުމުން، ރާއްޖޭގައި މިވަގުތު ހުރި ވަސީލަތްތަކުން އެ ހިސާބަށް ވާސިލުނުވެވޭތީ، ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ސާޖަންޓް ނާފިޢު ކުރައްވަމުން ގެންދެވި މަސައްކަތަކީ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަތިވެރި ޚިދުމަތެއްކަން ފާހަގަކުރައްވާފައެވެ. ގެއްލުނު ފަރާތްތައް ހޯދުމުގައި އެއްވެސް ކަމެއް ދޫކޮށްނުލައްވާނެކަމުގެ ޔަގީންކަން ދެއްވަމުން، މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް މާލެއިން ގޮސް މިހާރުވެސް ހަރަކާތްތެރިވަމުންދާކަން ކޮމިޝަނަރ ހާމަކުރެއްވިއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ފުރި "ފްރެންޑް 4" ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށެވެ. އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ ދޯނި އަޑިއަށް ދިޔަ ހާދިސާގައި، ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫނާއި، ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަޙްމަދު ވަނީ ގެއްލިފައެވެ. ދޯނިން ދަތުރުކުރި އެހެން ބައެއް މީހުން ސަލާމަތްވި ނަމަވެސް، ގެއްލުނު މި ތިން ބޭފުޅުން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ގުޅިގެން އަދިވެސް ދަނީ ކުރަމުންނެވެ.
Ads by MACL
