ގެއްލުނު ތިން މީހުން ހޯދުމަށް މާދަމާގެ ނިޔަލަށް މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު ބަލައި ނިންމާލެވޭނެ: އެމްއެންޑީއެފް
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުންޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަނުގެ ތެރެއިން މާދަމާގެ ނިޔަލަށް މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައި ނިމޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ޕޮލިސް ސާޖަންޓް އަލީ ނާފިއުއާއި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދު އަދި ދޯނީގެ ކެޕްޓަން ތ. މަޑިފުށީ، މުހައްމަދު ހަމްދޫންއެވެ. މި މީހުން ހޯދުމުގެ މަސައްކަތަށް މިއަދަށް އަށް ދުވަސް ވެފައިވާއިރު، އަދިވެސް އެ މީހުން ފެނިފައެއް ނުވެއެވެ.
އެމްއެންޑީއެފުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ވައިގެ މަގުން 9,920 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 2,790 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. މީގެ ތެރޭގައި ހުވަދޫ ކަނޑުގެ އިތުރުން ގއ. އަތޮޅާއި ލ. އަތޮޅުގެ ފަރުތައްވެސް ހިމެނެއެވެ.
Ads by BMLދޯނި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށްވުރެ ފުން ސަރަހައްދަކަށެވެ. މިއީ އާދައިގެ ސަބްމެރިންތަކަށްވެސް ނުދެވޭހާ ފުން ސަރަހައްދެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެހެންނަމަވެސް ޒަމާނީ ޔޫއޭވީ ޑްރޯންތަކާއި ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން ރޭދުވާލު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޮޔާއި ވަޔަށް ބަލައިގެން ކުރިއަށްގެންދާ މި ސާޗު އޮޕަރޭޝަންގެ މަސައްކަތްތައް ސިފައިން ދަނީ ހުއްޓުމެއް ނެތި ކުރިއަށްގެންދަމުންނެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި އެހެން ބައެއް މީހުން ވަނީ ސަލާމަތްކުރެވިފައެވެ. ސަލާމަތްވީ މީހުންގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ އިތުރުން ދޯނީގެ ފަޅުވެރިން ހިމެނެއެވެ.
ނުރައްކާތެރި ވަގުތުގައި އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކޯސްޓްގާޑުގެ ޑައިވަރުންނާއި، ގެއްލުނު ސިފައިންނާއި ފުލުހުން އަދި ކެޕްޓަން މުހައްމަދު ހަމްދޫން ދެއްކެވި ހިތްވަރަށް އެމްއެންޑީއެފުން ވަނީ ތައުރީފުކޮށްފައެވެ.
Ads by MACL
