އިންޑިއާގެ ބަދަލުގައި އާސިއާން ކަޕްގެ ޖާގަ ބަންގްލަދޭޝްއިން ކަށަވަރުކޮށްފި
އިންޑިއާއިން ފީފާ އާސިއާން ކަޕުގައި ވާދަނުކުރަން ނިންމުމުން ހުސްވި ޖާގަ، ސްރީލަންކާ އާއި ޕާކިސްތާނާ ވާދަކޮށް ބަންގްލަދޭޝް އިން ކަށަވަރުކޮށްފިއެވެ.
ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން (ބީއެފްއެފް) އިން މި ފުރުސަތުގެ ބޭނުން ހިފީ، ކުރިއަށް އޮތް ފީފާ ބްރޭކުގައި އެ ގައުމުގެ ގައުމީ ޓީމަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ފުރުސަތު ލިބިފައި ނުވާތީ، މުބާރާތެއްގައި ވާދަކޮށް ޓީމަށް ރަނގަޅު ތަޖުރިބާތަކެއް ހޯދައިދިނުމުގެ މަގުސަދުގައެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 23 އިން އޮކްޓޫބަރު 3 އަށް ކުރިއަށްދާ މި މުބާރާތުގައި ބަންގްލަދޭޝް ވާދަކުރާނީ، މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ޕްރިމިއާ ޑިވިޝަނުގެ ގްރޫޕް އޭ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އިންޑޮނޭޝިއާ، މެލޭޝިއާ އަދި ސިންގަޕޫރެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 125،000 އެމެރިކާ ޑޮލަރުގެ ބޯނަހެއް ލިބޭއިރު، ޕްރިމިއާ ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް އެއް މިލިއަން ޑޮލަރުގެ ބޮޑު ފައިސާގެ އިނާމެއް ލިބޭނެއެވެ.
Ads by BMLއިންޑިއާއިން މި މުބާރާތް ދޫކޮށްލީ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު ބްރެޒިލްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ހާއްސަ މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ. އިންޑިއާ ވަކިވުމުން ފީފާއިން ފުރަތަމަ މަސައްކަތްކުރީ ވޯލްޑް ކަޕް ކުޅުނު ޓީމެއް އެ ޖާގައަށް ގެނައުމަށެވެ. ނަމަވެސް ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ތާބިތު އައްވަލު އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތުން މި ޖާގަ އެގައުމަށް ހޯދައިދިނީ އެގްޒެކްޓިވް ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އަނެއްކޮޅުން ޖާގަ ހޯދަން މަސައްކަތްކުރި ސްރީލަންކާއިން ވަނީ ފީފާ ބްރޭކުގައި މޮރިޝަސް އާއި ސީޝެލްސްއާ ދެކޮޅަށް ކުޅެން އެއްބަސްވެފައެވެ.
ޕްރިމިއާ ޑިވިޝަނުގެ އިތުރުން މި މުބާރާތުގައި ޗެލެންޖް ޑިވިޝަނެއް ވެސް ކުރިއަށް ދާނެއެވެ. ޗެލެންޖް ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް 300،000 ޑޮލަރު ހުށަހަޅާފައިވާއިރު، އެ ޑިވިޝަނުގެ ގްރޫޕް އޭ ގައި ހިމެނެނީ ހޮންގް ކޮންގް، މިޔަންމާ އަދި ބުރުނާއީއެވެ. ގްރޫޕް ބީ ގައި އޮތީ ކެމްބޯޑިއާ، ލާއޯސް އަދި ޓިމޯ ލެސްޓޭއެވެ. މި ޑިވިޝަނުން ޗެމްޕިއަންކަން ހޯދުމަށް ކުޅެން ޖެހޭނީ ޖުމްލަ ތިން މެޗެވެ.
މި މުބާރާތުން ބަންގްލަދޭޝްއަށް ޖާގަ ލިބިފައިވާއިރު، މިއީ އެގައުމުގެ ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން ޖޫން މަހު އެގައުމުން ވަނީ ޔޫރަޕްގެ ސެން މެރީނޯއާ ދެކޮޅަށް ކުޅެ މޮޅުވެ، ތާރީހީ ކާމިޔާބީއެއް ހޯދާފައެވެ. މީގެ އިތުރުން ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "ސާފް ޗެމްޕިއަންޝިޕް" އަންނަ ނޮވެމްބަރު މަހުގެ 4 އިން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ވެސް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ. އެހެންކަމުން އާސިއާން ކަޕަކީ އަމިއްލަ ގައުމުގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ވެސް ބަންގްލަދޭޝް ޓީމަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތެކެވެ.
Ads by MACL
