ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބެލްޖިއަމްގެ ގެއެއްގެ ބިންގަރާހަކުން ގިނަ އަދަދެއްގެ ރަން ބާ ތަކެއް ފެނިއްޖެ

ބެލްޖިއަމްގެ ގެއެއްގެ ބިންގަރާހަކުން ގިނަ އަދަދެއްގެ ރަން ބާ ތަކެއް ފެނިއްޖެ

ބެލްޖިއަމްގެ އިރުމަތީ ފްލެންޑާސް ސަރަހައްދުގެ ގެއެއްގައި ނަރުދަމާ ހޮޅި މަރާމާތުކުރަމުން ދަނިކޮށް، އެ ގެއިން ފެނުނު ބިންގަރާހަކުން ގާތްގަނޑަކަށް ނުވަ މިލިއަން ޔޫރޯއާ އެއްވަރުގެ ގިނަ އަދަދެއްގެ ރަން ބާ ތަކަކާއި ފައިސާ ފޮތިތަކެއް ފެނިއްޖެއެވެ.

މި ތަކެތި ފެނިފައިވަނީ އެ ތަނުގައި ހުންނަ ސީ.އޭ.ޑަބްލިއު އޫސްޓް ފްލާންޑަރެން ކިޔާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ބިންގަރާހުގެ ފާރުތައް ތޮރުފަމުން ދަނިކޮށެވެ.

ފާރުގެ ތެރެއިން ނެގި 40 އަށް ވުރެ ގިނަ ގޯލްޑް ބާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ރައްކާތެރި ތަނަކަށް ބަދަލުކޮށްފަ އެވެ. މި ހޯދުމުގެ ސަބަބުން ލިބުނު ބޮޑު ހައިރާންކަމާއެކު، އެ ޖަމިއްޔާއިން ކުރަމުންދާ އިޖުތިމާއީ މަސައްކަތްތަކަށް މިއިން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ ތަނުގެ ޑައިރެކްޓަރު ވަނީ ވިދާޅުވެފަ އެވެ.

ބެލްޖިއަމްގެ ގާނޫނު އޮންނަގޮތުން މިފަދަ ތަކެތީގެ އަސްލު ވެރިފަރާތް ހޯދުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭއިރު، މިހާތަނަށް ވެސް އެއީ ކާކުގެ އެއްޗެއްކަން ދެނެގަނެވިފައެއް ނުވެ އެވެ۔ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ހައްގެއް ސާބިތުކޮށްނުދެވިއްޖެނަމަ، މަދަނީ ގާނޫނުގެ ދަށުން އެ ތަކެތި ބަހާލާނީ ފެނުނު މީހުންނާއި އިމާރާތުގެ ވެރިފަރާތާ ދެމެދުގަ އެވެ.

މި ރަންތަކަކީ ޖަރީމާއަކާ ނުވަތަ ކުށުގެ އަމަލަކާ ގުޅުންހުރި އެއްޗެއްތޯ ބެލުމަށް ފުލުހުން އަންނަނީ ހާއްސަ ތަހުގީގެއް ހިންގަމުންނެވެ. އަދި މި ހަބަރާއެކު އިތުރު ރަން ހޯދުމުގެ ބޭނުމުގައި އެ ސަރަހައްދަށް އާންމުން އެއްނުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބާރުއަޅާފަ އެވެ.