ބޮޑުތަކުރުފާނުގެ ޖިހާދުގެ ހަނދާންތައް އާކޮށްދޭ ޚާއްސަ ދޮރާށި އުތީމުގައި ހުޅުއްވައިދެއްވައިފި
ބޮޑުތަކުރުފާނުގެ ޖިހާދުގެ ހަނދާންތައް އާކޮށްދޭ ޚާއްސަ ދޮރާށި އުތީމުގައި ހުޅުއްވައިދެއްވައިފިއެވެ. މިދޮރޯށި ހުޅުއްވައިދެއްވީ، މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއީ ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކުރެއްވުމަށް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ކުރެއްވި މަތިވެރި ޖިހާދު ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ އާސާރީ ސިފަތަކެއް އެކުލެވޭ ތާރީޚީ ބިނާއެކެވެ.
ރާއްޖޭގެ ގަދީމީ މިސްކިތްތަކުގެ ފަރުމާއިން ނަކަލުކޮށްގެން ހަދާފައިވާ މި ދޮރާށީގައި މައިގަނޑު ހަ ތަނބު ހިމެނެއެވެ. މި ހަ ތަނބުން ރަމްޒުކޮށްދެނީ ޤައުމުގެ މިނިވަންކަމަށްޓަކައި ކަޅުއޮއްފުންމީގައި ޖިހާދުކުރެއްވި ހަ ބަޠަލުން ކަމަށްވާ މުޙައްމަދު ތަކުރުފާނާއި، އަލިތަކުރުފާނާއި، ޙަސަން ތަކުރުފާނުގެ އިތުރުން، ދުވާފަރު ދަންޑަހެލާއި، ތިމަރަފުށީ ޢަލީ ހާޖީ އަދި ޙަސަން ހާޖީއެވެ. ބިނާގެ މަތީގައިވާ ހަ ފާނޫޒުން މުޅި ޤައުމަށް ލިބިގެންދިޔަ އުންމީދާއި އަލިކަން ރަމްޒުކޮށްދޭއިރު، ދޮރާށީގެ މެދުން ފެންނަނީ މިނިވަންކަމުގެ ތެރެއަށް ވެދެވޭ މަގެވެ.
Ads by BMLސޯޅަވަނަ ގަރުނުގެ ލިޔެލާޖެހުމުގެ ފަންނުވެރިކަން ދައްކުވައިދޭ މި ބިނާގައި، ޣާޒީ ރަދުންނާ ހަމައިން ރަސްމީވިކަމަށް ބެލެވޭ ތާނަ އަކުރުން މަރްޙޫމް މުޙައްމަދު ޖަމީލު ދީދީގެ "ތާރީޚީ ހަނދާން" ޅެން ވަނީ ކަނޑާނަގާފައެވެ. ބިނާގެ ބިންގާ އެޅިފައިވާ ސިޑިބަރިތަކުން ޤައުމީ އެއްބައިވަންތަކަން ދައްކުވައިދޭއިރު، އެންމެ މަތީގައިވަނީ ދިވެހި ދައުލަތުގެ ނިޝާނެވެ. މިއީ ދިވެހިންގެ އެވޭލާ ތަރިކައާއި ސަގާފަތް ވަރަށް ފުރިހަމައަށް ދައްކުވައިދޭ، އިސްލާމީ ޙަޟާރަތުގެ އަސަރުތައްވެސް ފެންނަން ހުރި އާޓެކެވެ.
ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު، ހއ. އުތީމަކީ ބޮޑުތަކުރުފާނު އުފަންވެވަޑައިގަތް އަދި އެ މަނިކުފާނުގެ ޅަފަތުގެ ދުވަސްތައް ހޭދަކުރެއްވި ތާރީޚީ ރަށެވެ. ޕޯޗުގީޒުންގެ 15 އަހަރުވީ އަނިޔާވެރި އަޅުވެތިކަމާ ދެކޮޅަށް ނުކުމެވަޑައިގެން، ބޭބޭފުޅުންނާއި ވަފާތެރި އެކުވެރިންނާއެކު ކުރެއްވި ސިއްރު ޖިހާދަށްފަހު، ރާއްޖެއަށް އަލުން މިނިވަންކަން ހޯއްދަވައިދެއްވީ ހިޖުރީ ގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ މި މަތިވެރި ނަޞްރާ ގުޅިގެންނެވެ.
ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، އަލަށް ހުޅުވުނު މި ދޮރާށްޓަކީ ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ދަށުން ޤާއިމުކުރެވުނު ތަނެކެވެ. އުތީމަކީ ޤައުމީ ތަރިކައިގެ މުހިންމު މަންޒިލަކަށްވާއިރު، މިފަދަ ބިނާތަކުގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، ގެސްޓްހައުސްތަކާއި އަތްތެރި މަސައްކަތްތަކަށް އޮންނަ ޑިމާންޑް ބޮޑުވެ، ރަށުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
Ads by MACL
