ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމީ މަސްލަހަތު އިސްކުރުމަކީ ކާބަފައިން ދިން އެންމެ ބޮޑު ފިލާވަޅު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީނުގެ ދިފާޢުގައި ކާބަފައިން ވެވަޑައިގެންފައިވާ މަތިވެރި ޤުރުބާނީތަކުން ލިބިދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، ކޮންމެ ޙާލަތެއްގައިވެސް ޤައުމީ މަސްލަހަތު އިސްކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ވަނީ ޤައުމީ ލޯތްބަށް އިޖާބަދިނުމަކީ ލިބޭ ވަރަށް ބޮޑު ނަސީބެއްކަން ފާހަގަކުރައްވައި، ތާރީޚުން ޢިބުރަތް ޙާސިލުކުރުމަށް ގޮވާލައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށަށް ދިވެހިރާއްޖެ ދިޔަ ހިތްދަތި މާޒީގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ބޭރުގެ ބާރުތަކުގެ އެހީތެރިކަމާއެކު ނުވަވަނަ ޙަސަން ރަސްގެފާނު ދިވެހި ތަޚުތު ހޯއްދަވަން މަސައްކަތްކުރައްވައި، ދީނުގެ ޙުރުމަތް ކަނޑުއްވައި ޤައުމަށް ގެއްލުންދެނިވި ގުޅުންތަކެއް އުފެއްދެވިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، އެ ނުރައްކާތެރި ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުން އިސްކުރީ ޤައުމާއި ދީންކަމަށާއި، މަދު ބަޔަކު މަގުއޮޅިގެން ދިޔަ ނަމަވެސް، ދިވެހިންގެ އަޣުލަބިއްޔަތަކީ އަބަދުވެސް ޤައުމީ ވިސްނުން އިސްކުރާ ބައެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. އަދި ޤައުމުގެ ޙައްޤުގައި ލެޔާއި ދާ އޮހޮރުވުމަކީ ވަކި ފަންތިއަކަށް ބެލުމެއްނެތި ދިވެހިންގެ ކިބައިގައި ހުރި ޤައުމީ ސިފައެއްކަމަށް ވިދާޅުވިއެވެ.

ޤައުމީ ޖިހާދުގައި މުޅި ރާއްޖެ އެކަތިގަނޑަކަށްވިކަން ބަޔާންކުރައްވަމުން، ރައީސް ވަނީ އުތީމު މަހާރަދުންނަށް ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމަށް ތަޢުރީފުކުރައްވާފައެވެ. މިގޮތުން، ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ބެންނެވި އޮޑި "ކަޅުއޮއްފުންމި" ބަނުމުގެ މަސައްކަތުގައި ރާއްޖޭގެ 40 ރަށަކުން 40 މާވަޑިން ބައިވެރިވިކަމީ، ޤައުމުގެ ޙައްޤުގައި ކުރެވުނު ޖިހާދުގައި މުޅި ރާއްޖެ ޝާމިލުވިކަމުގެ އަލިގަދަ ހެތްކެއްކަމުގައި ވިދާޅުވިއެވެ. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ޤައުމު އިސްކޮށްގެންކަން މި އަމަލުތަކުން ދަސްކޮށްދޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކާބަފައިން ދޫކުރި ތަރިކައިން ފިލާވަޅު ލިބިގަތުމަށް ގޮވާލައްވަމުން، މިއަދުގެ ކުޑަކުދިންނަށް ޒަމާނާ ގުޅޭ ޢިލްމާއި ހުނަރު އުނގަންނައިދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. ދިވެހިންނަކީ ކަނޑަށް ފަރިތަ ބަޔަކަށްވާއިރު، އުތީމު މަހާރަދުންގެ ސީރަތުންވެސް ފެންނަނީ ކަނޑުމައްޗަށް އަހުލުވެރި ޝަޚުޞިއްޔަތެއްކަން ބަޔާންކުރެއްވިއެވެ. ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އަބަދުވެސް މާތްވެގެންވާ އިސްލާމްދީނާއި ޤައުމީ ސިޔާދަތާއި މިނިވަންކަން މަތީ ސާބިތުވެ ތިބުމުގެ މުހިންމުކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. މިއީ މީލާދީން 1573 ވަނަ އަހަރު، އުތީމު އަލްޣާޒީ މުޙައްމަދު ތަކުރުފާނު އަލްއަޢުޒަމް (ބޮޑުތަކުރުފާނު)، ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކުރައްވައި، ޤައުމަށް މިނިވަންކަން ހޯއްދަވައިދެއްވި ތާރީޚީ މުނާސަބަތާ ގުޅުވައިގެން ފާހަގަކުރާ ދުވަހެކެވެ.

ޕޯޗުގީޒުންގެ އަތްދަށުގައި ގާތްގަނޑަކަށް 15 އަހަރު ވަންދެން ރާއްޖެ އޮތުމަށްފަހު، ކަޅުއޮއްފުންމީގައި ކުރެއްވި ވަރުގަދަ ޖިހާދާއެކު ލިބުނު މި މިނިވަންކަމަކީ، ދިވެހި ތާރީޚުގައި ފެންނަން އޮތް އެންމެ ފަޚުރުވެރި އެއް ޤައުމީ ކާމިޔާބީއެވެ.

ޤައުމީ ދުވަސް ރާއްޖޭގައި ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.