ޤައުމީ ތަރިކައިން ހިތްވަރުލިބިގަނެ، އެއްބައިވަންތަކަންމަތީ ސާބިތުވެތިބުމަށް ރައީސް ގޮވާލައްވައިފި
މަތިވެރި އަޖުދާދުންގެ ހަރުދަނާ ޢަމަލުތަކުން ފިލާވަޅު ލިބިގަނެ، ޤައުމީ ވިސްނުމުގައި ފިޔަވަޅުތައް ކުރިއަށް އަޅަމުންދިޔުމަށާއި، އަބަދުވެސް ޤައުމާ ދިމާޔަށް ހިތްތަކާއި ނިތްތައް ސީދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެން، އަބަދުވެސް އެއް ރޫޙެއްގައި، އެއް ޢަޒުމެއްގައި، އެއް އަމާޒެއްގައި، އަދި އެއް ބައެއްގެ ގޮތުގައި ދެމިތިބުމަށް ގޮވާލައްވައިފިއެވެ.
ރައީސްގެ ތަޤުރީރުގައި އުތީމު މަހާރަދުންގެ މުޅި ސީރަތަށް އަލިއަޅުވާލައްވައި، ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ ލިބެނީ އެ ތަކުރުފާނުގެ ސީރަތުން ކަމަށް ވިދާޅުވެ، އެކަމަށް ފުންކޮށް ދިރާސާތައް ކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
"ވަރަށް ތުއްޕުޅުއިރު، ރަށުތެރެއާއި ހޮޅުއަށީގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހުނު. އެކަން ހިމެނުނީ ލީޑަރުން ބިނާކުރުމުގެ ފިލާވަޅެއް ކަމުގައި. އަމުރަށް ކިޔަމަންވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވާން ދަސްވުމުގެ ތަމްރީނާއި ތަރުބިއްޔަތެއް ކަމުގައި. ދޫނި ހިއްޕެވުމުގެ އިތުރު ހުނަރުތައް ދަސްފުޅުކުރެއްވީ އެ ދުވަސްވަރު. ދިވެހި ޤައުމު ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކުރުމުގެ ތަޞައްވުރު، އެ ތުއްތު ސިކުނޑީގައި ކުރެހުނީ، އެކަމުގެ އިލްހާމުތައް އާލާވީ އެ ދުވަސްވަރު. މިނިވަންކަމާއެކު ދޫނިތައް އުދުހިދާން އެ ވިދާޅުވީ، އެ ފުން މާނަތައް ހިތްޕުޅުގައި ދައުރުވަމުންދާތީ. އެހެންކަމުން، ޤައުމީ ދުވަހުގެ ބަޠަލުގެ ކޮންމެ ޙަރަކާތަކީ އަދުގެ ޖީލުތަކަށް އަގުހުރި، މާނަހުރި ފިލާވަޅެއް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Ads by BMLދިވެީހީންނަކީ، އިސްލާމުންނަކީ ހަރުދަނާ ބައެއްކަން ފާހަގަކުރައްވަމުން، އަޅުގަނޑުމެންގެ ޢަޒުމާއި އީމާނުގައި އަބަދުވެސް އާރުލާންޖެހޭނެކަމަށާއި، އަޅުގަނޑުމެން ތިބޭނީ ދީނުގައި އަދި ޤައުމީ ސިޔާދަތާއި މިނިވަންކަމާ އެކީގައިކަން ރައީސް ވިދާޅުވިއެވެ.
މާތްވެގެންވާ އިސްލާމްދީނަށް ވަފާތެރިވުމުގެ ފޮނި ނަތީޖާއާއި، އިސްލާމްދީނަށް އިހާނެތިކޮށް ހިތުމުގެ ހިތިކަމާއި ނިކަމެތިކަން ތާރީޚުން ފެނިފައިވާކަން ފާހަގަކުރައްވައި، ދިވެހި ޤައުމާ ގުޅިފައިވާ ރަނގަޅު ހުރިހާ ކަމެއް އެތުރިފައިވަނީ ދީނުގެ ޖައުހަރުގެ ވަށައިގެން ކަމަށާއި، އިސްލާމްދީނަކީ ދިވެހި ޤައުމުގެ ނާރެސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމީ ދުވަސް އަޅުގަނޑުމެންނަށް އިލްތިމާސްކުރަނީ އިހުގެ މަތިވެރި އަޖުދާދުން ފަދައިން، އެއް ރޫޙެއްގައި، އެއް އަމާޒެއްގައި އެކީގައި ގުޅިގެން ދެމިތިބުމަށް ކަމަށް ވިދާޅުވަމުން، ބައިބައިވުންތަކާ ދުރުހެލިވެ، ދިވެީހީންގެ ރާއްޖެ، ދިވެީހީންގެ ޤައުމު، ދިވެީހީންނަށްޓަކައި އުފާވެރި ހިމޭން މަންޒިލެއްގެ ގޮތުގައި ދެމިއޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ތަކުރުފާނުގެ ހަޔާތްޕުޅުން އޭރުގެ ދިވެހީން ފިލާވަޅު ލިބިގަތްފަދައިން، މިހާރުގެ ދިވެހީންވެސް އެގޮތުގައި ތިބެ، ޤައުމީ ރޫޙާއި ލޯބި ދިރުވައި، ޤައުމަށް ހެޔޮއެދުން ޢަޒުމަކަށް ހެދުމަށް ރައީސް ގޮވާލެއްވިއެވެ.
Ads by MACL
