ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަޝިއާގެ މާކެޓް އިތުރަށް ވަރުގަދަކުރަން މިނިސްޓަރު އަމީން އިސްވެ މަތީ ފަންތީގެ ވަފުދެއް އެ ގައުމަށް

ރަޝިއާގެ މާކެޓް އިތުރަށް ވަރުގަދަކުރަން މިނިސްޓަރު އަމީން އިސްވެ މަތީ ފަންތީގެ ވަފުދެއް އެ ގައުމަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދެވަނައަށް އެންމެ ބޮޑު މާކެޓު ކަމަށްވާ ރަޝިއާއާ ދެމެދު އޮތް ވައިގެ ދަތުރުފަތުރާއި ޓޫރިޒަމްގެ ގުޅުންތައް އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި، ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އިސްވެ ހުންނަވައިގެން ސަރުކާރާއި ސިނާއަތުގެ އިސް ބޭފުޅުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ރަޝިއާއަށް ރަސްމީ ދަތުރެއް ފައްޓަވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މާދަމާއިން ފެށިގެން މި ހަފުތާގެ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ފަސް ދުވަހުގެ މި ދަތުރުގައި ރަޝިއާގެ ވެރިރަށް މޮސްކޯގެ އިތުރުން ސެއިންޓް ޕީޓަސްބާގަށް ވެސް އެ ވަފުދުން ޒިޔާރަތްކުރާނެ އެވެ.

މި ދަތުރުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ދެމެދުގައި ފްލައިޓްތައް އިތުރުކުރެވޭނެ ގޮތްތައް ހޯދުމާއި، ވައިގެ މަގުން ގުޅާލުން އިތުރަށް ހަރުދަނާކޮށް، ޓޫރިޒަމް ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމެވެ. އެގޮތުން މިނިސްޓަރު އަމީންގެ އަރިހުގައި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ވިޒިޓް މޯލްޑިވްސް (ވީއެމްސީ) އާއި އެމްއޭސީއެލް އަދި ގައުމީ އެއާލައިން މޯލްޑިވިއަންގެ އިސް ވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތައް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ދަތުރުގެ ތެރެއިން ރަޝިއާ ސަރުކާރުގެ ކަމާބެހޭ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އެ ގައުމުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި ޑިޖިޓަލް ޕްލެޓްފޯމްތަކާ އެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް ވެސް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

މި ބައްދަލުވުންތަކަކީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން "ވިޒިޓް މޯލްޑިވްސް އިޔާ 2027" ކެމްޕޭނަށް ބޭނުންވާ މާކެޓް މައުލޫމާތު އެއްކޮށް، ދެފަރާތް ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.

ރަޝިއާއަކީ އަބަދުވެސް ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ނުފޫޒުގަދަ އެއް މާކެޓެވެ. އެގޮތުން މިދިޔަ އަހަރު އެ ގައުމުން 278،761 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ވެސް 192،453 ފަތުރުވެރިން ރަޝިއާއިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ޓޫރިސްޓުންގެ 14.7 ޕަސެންޓެވެ.

ޓޫރިޒަމް މިނިސްޓްރީން ދެކޭގޮތުގައި ސަރުކާރާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން އެއް ވަފުދެއްގެ ގޮތުގައި ކުރިއަށްގެންދާ މި ދަތުރުގެ ސަބަބުން، ރަޝިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށާއި ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.